ދުނިޔޭގެ އެންމެ ފުރަތަމަ ޕޯލާ ބެއާ ހޮޓަލް، ޗައިނާގެ ހެއިލޮންގްޖިއަންގް ޕްރޮވިންސްގައި ހުޅުވައިފި އެވެ.

މި ހޮޓަލަށް ގެސްޓުންގެ ބޮޑު މަގުބޫލުކަމެއް ލިބިޭއިރު ލައިވްކޮށް ޕޯލާ ބެއާތައް ދައްކާލާތީ ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފަ އެވެ.

މި ޕޯލާ ބެއާ ހޮޓަލަކީ ހެއިލޮންގްޖިއަންގްގެ ވެރިރަށް ހާބިންގައި ހުންނަ ހާބިން ޕޯލާލޭންޑް ޕާކްގެ ބައެކެވެ. ހޮޓަލުގައި ހުންނަ 21 ގެސްޓު ރޫމުތަކުން ކޮންމެ ވަގުތަކު ވެސް ޕޯލާ ބެއާ ބަލާލެވޭނެ އެވެ.

"ކާއިރުގައި، ކުޅޭ އިރު އަދި ނިދާއިރު ވެސް ޕޯލާބެއާތައް ކައިރީގައި އުޅޭނެ،" ހާބިން ޕޯލާލޭންޑްގެ ރަސްމީ ވީޗެޓް އެކައުންޓްގައި ބުރާސްފަތި ދުވަހު ކުރި ޕޯސްޓެއްގައިވެ އެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާއިން އާންމުކުރި ވީޑިއޯތަކުން ފެންނަ ގޮތުގައި އިންޑޯގައި ހަދާފައި ހުރި އާޓިފިޝަލް އައިސް އާއި ކުދި ފެނުގެ ޕޫލްތައް ކައިރީ ޕޯލާ ބެއާތައް އުޅޭ މަންޒަރު ބަލަން މީހުން ތިބެ އެވެ.

ހާބިން ޕޯލާލޭންޑްގެ ތަރުޖަމާނަކު ވިދާޅުވިގޮތުގައި މި ހޮޓެލްގެ ރޫމެއްގެ އަގު އުޅެނީ 290 ޑޮލަރާއި 351 ޑޮލަރާއި ދެމެދުގަ އެވެ. އަދި ޑިމާންޑް ވަރަށް ބޮޑުކަމަށް ވެސް ވިދާޅުވި އެވެ.