މި ދުވަސްވަރު ބޮލީވުޑްގައި އެންމެ ގަދައަށް ދެކެވެމުން އަންނަ އެއް ވާހަކައަކީ އަބީޝޭކް ބައްޗަންއާއި އައިޝްވާރްޔާ ރާއީގެ ކައިވެނި ރޫޅެން އުޅޭކަމުގެ ވާހަަކަތަކެވެ.
މި ވާހަކަތަކުގެ އަޑު ގަދަވެފައި ވަނިކޮށް އަބީޝޭކް ދާދި ފަހުން މިވަނީ ކައިވެނި ކޮށްގެން އުޅޭ ފިރިހެނުންނަށް ނަސޭހަތެއް ދީފަ އެވެ.
ފިލްމްފެއާ އޯޓީޓީ އެވޯޑްސް ހަފްލާގައި ބައިވެރިވި އަބީޝޭކްއަށް މީޑިއާއިން ކުރި ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނެފައިވަނީ ކައިވެނި ކޮށްގެން އުޅޭ ހުރިހާ ފިރިހެނުން ވެސް ކުރަން ޖެހޭ ކަމެއް އޮންނަ ކަމަށާއި އެއީ އަންހެނުން ބުނާ ގޮތް ހެދުން ކަމަށެވެ.
އަބީޝޭކް މިގޮތަށް ވާހަކަ ދައްކާފައިވަނީ މިފަހުން ރިލީޒް ކުރެވުނު އޭނާގެ ފިލްމުތައް ކާމިޔާބުވުމުގެ ފަހަތުގައި ވަނީ ކޮން ސިއްރެއްތޯ ނޫސްވެރިޔަކު ސުވާލު ކުރުމުންނެވެ.
އެ ސުވާލަށް ޖަވާބު ދެމުން އަބީޝޭކް ބުނީ އެއީ އޭނާ ކުރާ ކަމެއް ނޫން ކަމަށާއި އޭނާގެ މަސައްކަތަކީ ސެޓަށް އައިސް ޑައިރެކްޓަރު ބުނާ ގޮތަށް ކަންތައް ކުރުން ކަމަށެވެ.
އަބީޝޭކް އެހެން ބުނުމުން ނޫސްވެރިޔާ ވަނީ އެއީ ގޭގައި ވެސް ކަންތައްކުރަން ޖެހޭ ގޮތް ކަމަށް މަޖާ ގޮތަކަށް ބުނެފަ އެވެ. ކައިވެންޏާ ބެހޭ ގޮތުން އަބީޝޭކް ވާހަކަ ދެއްކީ ނޫސްވެރިޔާ އެހެން ބުނުމުންނެވެ.
އަބީޝޭކްއާއި އައިޝްވާރްޔާގެ ކައިވެނީގައި ކުނި ޖެހިފައިވާ ކަމަށް މީޑިއާގައި އަޑު ފެތުރެން ފެށީ އާނަންތު އަމްބާނީގެ ކައިވެންޏަށް އެ ދެމީހުން ވަކިވަކިން ދިޔައީމަ އެވެ. އެހެން ނަމަވެސް މިހާތަނަށް އެ ދެމީހުންވެސް އެކަން ޔަގީން ކޮށްދީފައެއް ނުވެ އެވެ.