މޯލްޑިވިއަންގެ އުދުހުންތަކުގައި ބޭނުންކުރަން ގެންނަ ވައިޑް-ބޮޑީ މަތިންދާބޯޓު އަންނަ މަހުގެ 17 އިން ފެށިގެން ބޭނުންކުރަން ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ އިން ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުންނެވެ.

‎ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެ ގެނެސް ޚިދުމަތް ދޭން ފެށުމަކީ ރައީސް މުއިއްޒުގެ ވަޢުދުފުޅެއްކަމަށް ވާއިރު، އަމީން ވިދާޅުވީ މޯލްޑިވިއަންއަށް ސަރުކާރުގެ އެހީތެރިކަމާއެކު ހޯދި ވައިޑް-ބޮޑީ އޭ330 ގެ އެއާކްރާފްޓް މިހާރު ޔޫރަޕުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިންމައި ބޯޓުގެ ލިވަރީ ބަދަލުކުރުމަށްޓަކައި ސިންގަޕޫރަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިހާރު ޝެޑިއުލް އޮތްގޮތުން މިމަހުގެ 31 އަށް މި މަސައްކަތް ނިމޭނެ ކަމަށާއި މިހާރު ޕްލޭން އޮތް ގޮތުން ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް އަންނަ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ވިދާޅުވީ މޯލްޑިވިއަންގެ ދުރު ދަތުރުތަކުގައި އަންނަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ވައިޑް-ބޮޑީ މަތިންދާބޯޓު ބޭނުންކުރަން ފަށާނެ ކަމަށެވެ.

"ޖަނަވަރީ 17 ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ޝެޑިއުލް ފްލައިޓްތައް ދުރު ރާސްތާއަށް ފެށިގެންދާނެ. މިއީ 300 ވަރަކަށް ސީޓު ހުންނަ މަތިންދާބޯޓެއް. އެހެންކަމުން މިއިން ކޮންމެ ދަތުރަކުން ވަރަށް ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެ،" އަމީން ވިދާޅުވި އެވެ.

މިއީ ރާއްޖޭގެ އޭވިއޭޝަންގެ ސިނާއަތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށާއި ކުދި ވިޔަފާރިތަކަށް ވެސް މިކަމުގެ ހެޔޮ އަސަރުތައް ކުރާނެ ކަމަށެވެ. އަދި ވައިޑް-ބޮޑީ ކޮންމެ މަތިންދާބޯޓެއްގައި 300 ވަރަކަށް ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށާއި މީގެ ފައިދާ ރާއްޖޭގެ އިޤްތިސާދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ސަރުކާރުގެ އަމާޒަކީ ދެވަނަ ވައިޑް ބޮޑީ އެއާކްރާފްޓް އަންނަ އަހަރުގެ މެދުތެރޭ ރާއްޖެ ގެނައުން ކަމަށެވެ. އަދި ވައިޑް- ބޮޑީ އެއާކްރާފްޓް ރާއްޖެ ގެނެސް ހިދުމަތް ދޭން ފެށުމުން މީގެ މަންފާ މުޅި ރާއްޖެއަށް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.