ބަލިވެ އިންކަން އިއުލާން ކުރިތާ މަހެއްހާ ދުވަސް ފަހުން ހޮލީވުޑްގެ ތަރި މޭގަން ފޮކްސްއާއި އޭނާގެ ބައިވެރިޔާ މެޝިން ގަން ކެލީ (އެމްޖީކޭ)ގެ ގުޅުން ނިމުމަކަށް އައިސްފި އެވެ.

މޭގަންއާއި އެމްޖީކޭގެ ގުޅުން ނިމުނު ކަމުގެ ހަބަރުތައް މިހާރު މީޑިއާގައި ދައުރުވަމުން އަންނަ ނަމަވެސް އެ ދެމީހުންކުރެ އެކަކު ވެސް އެކަން ޔަގީން ކޮށްދީފައެއް ނުވެ އެވެ.

ފާއިތުވި ހަތަރު އަހަރު ދުވަހު އެކުގައި އުޅުނު އެ ދެމީހުންގެ ގުޅުމުގައި އެކިފަހަރު މަތިން ކުނިޖެހި ކުރު މުއްދަތަކަށް ވަކިވެފައިވެ އެވެ. އެހެން ނަމަވެސް މިފަހަރު އެ ގުޅުން އެއްކޮށް ނިމިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

މިދިޔަ މަހުގެ 11 ވަނަ ދުވަހު މޭގަން އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ކެލީއާއެކު އޭނާގެ ފުރަތަމަ ދަރިފުޅަށް ބަލިވެ އިންކަން އިއުލާން ކުރި އެވެ.

މިއީ މޭގަންގެ ހަތަރުވަނަ ދަރިފުޅަށް ވާއިރު އެމްޖީކޭގެ ދެވަނަ ދަރިފުޅެވެ. އެދެމީހުންނަށް ވެސް އެމީހުންގެ ކުރީގެ ގުޅުންތަކުން ދަރިން ލިބިފައިވެ އެވެ.

މޭގަން ވިހެއުމުގެ ކުރިން ކައިވެނި ކުރަން އެ ދެމީހުން ރާވަމުން އަންނަ ކަމަށް އެ ދެމީހުންނާ ގާތް ފަރާތަކުން މިދިޔަ މަހުގެ ތެރޭގައި މައުލޫމާތު ދިން ނަމަވެސް އެކަމަށް ވެސް އެއްވެސް ޔަގީން ކަމެއް ނުލިބެ އެވެ.

މޭގަންއާއި އެމްޖީކޭގެ ގުޅުން ނިމުނު ކަމަށް ހަބަރުތައް ފެތުރެމުން އަންނަ ނަމަވެސް އެއީ ކީއްވެގެން ކަމެއް އަދި އެނގިފައެއް ނުވެ އެވެ.