ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން އަޅާނުލާތީ ހުޅުމާލޭގައި މިއަދު ކުރިޔަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އިސްތިއުފާއަށް ގޮވާލައިފި އެވެ.

ހުޅުމާލެ ރުއްގަނޑު އެކެއްގައި އެ އިޖުތިޖާޖުތައް ފެށީ މިއަދު ހަވީރު 4 ޖެހިއިރު އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްސީ ޑްރައިވަރުން ވަނީ ސަރުކާރުން ޓެކްސީ ފްލީޓެއް ހެދުމުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ވެސް ބައްދަލުކުރަން ހުށަހެޅުމުން އެ ބައްދަލުވުން ބާއްވަން އިއްޔެ ހަމަޖައްސާފައި އޮއްވާ ސަބަބެއް ނެތި އެ ބައްދަލުވުން ކެންސަލްކުރި ކަމަށް ވެސް ޓެކްސީ ޑްރައިވަރަކު ބުނެފައިވެ އެވެ.

އެެހެންވެ ޓެކްސީ ޑްރައިވަރުން މިއަދު ވަނީ އިހުތިޖާޖަށް ނުކުމެފަ އެވެ.

އެ އިއުތިޖާޖުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އިސްތިއުފާ ދެއްވުމަށާއި އަދި ސަރުކާރުން މިނިވަން ވިޔަފާރިއަށް ހުރަސް ނޭޅުމަށް ވެސް ގޮވާލައި ލިޔެފައިވާ ބެނާތައް ޑްރައިވަރުން ހިފައިގެން އުޅޭތަން ފެނެ އެވެ. އަދި ޓެކްސީ ފްލީޓްގެ ބަދަލުގައި އެ ހިދުމަތް ރަނގަޅުކުރަން އެހީތެރިވުމަށް ވެސް ބައެއް ޓެކްސީ ޑްރައިވަރުން ވަނީ ގޮވާލައިފަ އެވެ.

ބައެއް ޓެކްސީ ޑްރައިވަރުން ބުނީ ޓެކްސީ ފްލީޓް ތައާރަފްކުރުމުން ހަމައެކަނި ގެއްލުން ވަނީ ޓެކްސީ ޑްރައިވަރުންނަށް އެކަނި ނޫން ކަމަށާއި އަދި ޓެކްސީ ސެންޓަރުތަކާއި އަދި ގަރާޖުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއްވެ އަސަރުކުރާނެ ކަމަށެވެ،

އެހެންކަމުން ސަރުކާރުން ޓެކްސީ ހިދުމަތް ތެރެއަށް ވަނުމަކީ އެއްގޮތަކަށް ވެސް ބަަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ބައެއް ޓެކްސީ ޑްރައިވަރުން ބުނެފައިވެ އެވެ.