މި ހަފްތާގައި ބޮލީވުޑްގެ ހަބަރުތަކުން އެންމެ ފާހަގަކޮށްލެވުނު އެއް ހަބަރަކީ ބޮލީވުޑްގެ ކާމިޔާބު ސޮނާކްޝީ ސިންހާއަށް ހިންދޫ ދީނުގެ ކަންކަން ނޭނގެނީ އޭނާގެ ބައްޕަ ޝަތުރުގަން ސިންހާގެ ސަބަބުން ކަމަށް ޝަކްތީމާންގެ ރޯލުން މަގުބޫލުކަން ހޯދި މުކޭޝް ހަންނާ ބުނި ހަބަރެވެ.
މުކޭޝް ބުނެފައިވަނީ ދަރިންނަށް ދީނުގެ ކަންކަން އުނގަންނައިދިނުމަކީ މައިންބަފައިންގެ ކަމެއް ކަމަށާއި ސޮނާކްޝީއަށް ދީނީ ސުވާލަކަށް ޖަވާބު ދޭން ނޭނގުމުން ދޭހަވަނީ އޭނާގެ ބައްޕަ އޭނާއަށް ރަނގަޅު ތައުލީމު ނުދޭޭކަން ކަމަށެވެ.
މުކޭޝް އިޝާރާތް ކޮށްފައި އެވަނީ 2019 ވަނަ އަހަރު "ކޯން ބަނޭގާ ކްރޯރްޕަތީ"ގައި ހިންދޫ ދީނާ ބެހޭގޮތުން ސޮނާކްޝީއަށް ކުރެވުނު ސުވާލަކަށް އޭނާއަށް ޖަވާބު ދޭން ނޭނގުނު ނޭނގުމަށެވެ.
މުކޭޝްގެ ފާޑުކިޔުންތަކާއެކު ސޮނާކްޝީ މިވަނީ އެންމެ ފަހުން އޭނާގެ ބައްޕަގެ ދިފާއުގައި ނުކުމެ މުކޭޝްއަށް ވަރުގަދަ އިންޒާރެއް ދީފަ އެވެ.
ސޮނާކްޝީގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ބަޔާނެއްގައި ބުނެފައިވަނީ އެއް ވާހަކެއް އަލުން އާކޮށްގެން ދައްކައި އޭނާގެ އާއިލާ ބޭނުންކޮށްގެން މީހުންގެ ސަމާލުކަން ހޯދަން މުކޭޝް ކުރާ މަސައްކަތް ހުއްޓާލަންޖެހޭ ކަމަށެވެ.
"އެ ދުވަހު އެ ތަނުގައި ދެ މީހުން ތިބި. އެކަމަކު އަހަރެންގެ ނަން ތަކުރާރުކޮށް ގެންނަ ސަބަބެއް އޮންނާނެ. އަހަރެން އެއްބަސްވަން އެ ދުވަހު އަހަންނަށް ނޭނގުނު ކަމަށް. އެކަމަކު މައާފު ކުރުމަކީ އޮންނަ ކަމެއް،" ސޮނާކްޝީ ބުނެފައިވެ އެވެ.
އެއާއެކު އަދަބުވެރިކަމާއެކު މުކޭޝްއަށް ރައްދުދިނީ އޭނާގެ މައިންބަފައިން ދިން ތަރުބިއްޔަތުގެ ސަބަބުން ކަމަށާއި އެހެން ނަމަވެސް ދެން އެ ތަރުބިއްޔަތާމެދު ސުވާލު އުފައްދައިފިނަމަ ރަނގަޅު ނުވާނެ ކަމަށް ބުނެ ސޮނާކްޝީ އިންޒާރުވެސް ދީފައިވެ އެވެ.
ސޮނާކްޝީއަކީ މިވަގުތު ބޮލީވުޑްގައި ހަރަކާތްތެރިވާ އަންހެން ތަރިންގެ ތެރެއިން ފާހަގަކޮށްލެވޭ ތަރި އެކެވެ. އޭނާއަކީ 70ގެ އަހަރުތަކުގައި މަޝްހޫރުކަން ހޯދި ޝަތުރުގަންގެ ތިން ދަރިންގެ ތެރެއިން ދަރި އެކެވެ.