ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 200 އާ ގާތްކޮށްފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިއަދު މުޅި ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ 186 މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 151 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި 14 މީހަކާއި ރިސޯޓްތަކުން ޕޮޒިޓިވްވި 20 މީހަކާއި ސަފާރީ އުޅަނދަކުން ޕޮޒިޓިވްވި މީހެކެވެ.

މިއަދުގެ 186 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 22،147 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،433 ގައި މިހާރު ހުރިއިރު 19،642 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މިއަދު މާލެއިން ވެކްސިން ދިނުން ކުރިއަަށް ގެންގޮސްފައެއް ނުވެއެވެ. އަތޮޅުތަކުން ޖުމްލަ 1،745 މީހަކަށް މިއަދު ވެކްސިން ދީފައިވެ އެވެ.