ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލުއާ ގުޅިގެން ސިފައިންގެ ތެރޭގައި ބައިބައިވުން އުފައްދަން އުޅުމުގެ ތުހުމަތުގައި 2013 ގައި ވަޒީފާއިން ވަކިކުރި އޮފިސަރަކަށް އަލުން ވަޒީފާދޭން ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

ނޮވެމްބަރު، 2013 ގައި އޭރު ބްރިގޭޑިއާ ރޭންކްގައި ހުންނެވި ޝަމާލުއާ ގުޅިގެން ސިފައިންގެ ތެރޭގައި ބައިބައިވުން އުފައްދައި އަދި ނުރައްކާތެރި ރޭވުންތަކެއް ރޭވި ކަމަށް ބުނެ ޝަމާލުއާ އެކު ވަކިކުރީ ކެޕްޓަން އަބްދުލް މުއިޒް މުސްތަފާ އެވެ. އޭނާއަށް ވަޒީފާދޭން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން ހައި ކޯޓުން ކުރިން އޮތި ހުކުމްކޮށްފަ އެވެ.

ސުޕްރީމް ކޯޓުން މިއަދު ހުކުމްކުރީ މުއިޒް ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް އޭނާއަށް އަލުން ދިނުމަށާއި އަދި ގެއްލުމުގެ ބަދަލު ހޯދަން ވަކިން ދައުވާ ކުރުމުގެ ހައްގު އޭނާއަށް އޮންނާނެ ކަމަށެވެ.

ދަށު ކޯޓާއި ހައި ކޯޓުގައި ދައުލަތުން ވާހަކަ ދެއްކި ގޮތާ ޚިލާފަށް، ސުޕްރީމް ކޯޓުގައި ދައުލަތުން ބުނެފައިވަނީ މުއިޒް ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ގަބޫލުކުރާ ކަމަށެވެ.

މުއިޒްއާ އެކު އޭރު ވަކިކުރި ޝަމާލަށް އަލުން ވަޒީފާދިނީ ޑިސެމްބަރު، 2018 ގައި ހައި ކޯޓުން ކުރި ހުކުމަކުންނެވެ. ހުކުމްކުރި ދުވަހު އޭނާއަށް ވަޒީފާ ދިނުމާ އެކު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އޭނާ އެދުވަހުން އެދުވަހު ވަނީ އައްޔަންކޮށްފަ އެވެ.