ނުހައްގުން ވިނަރެސް ފްލެޓް ހޯދާފައިވާ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖްނީ ޝުއައިބު ސަސްޕެންޑުކޮށްފި އެވެ.

އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހްމަދު ޝިފާން ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ.

ޝިފާން އެކްސްގައި ވިދާޅުވީ ރަޖްނީ ކުރަމުންގެންދިޔަ މަސައްކަތްތައް ވަގުތީގޮތުން އެހެން ފަރާތަކާ ހަވާލުކުރެވިފައިވާ ކަމަށެވެ.

މިކަމަކީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސްގައި މިވަގުތު ކުރަމުންގެންދާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާގުޅޭ ތަހުގީގުގެ ކްރެޑިބިލިޓީ ހިފެހެއްޓުމާއި އެ ތަހުގީގަށް އެއްވެސް ކަމަކުން ނުރަނގަޅު އަސަރެއް ނުފޯރާނެކަން ޔަގީންކުރުމަށްޓަކައި ގެނައި ބަދަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ރަޖްނީއަށް ކުރެވިފައިވާ ތުހުމަތުގެ ސައްހަކަން އަދި ކަށަވަރުކުރެވިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޖްނީގެ އިތުރުން އޭނާގެ އަންހެނުން ޒުހުދާ ރަޝީދަށް ނުހައްގުން ވިނަރެސް ފްލެޓް ލިބިފައިވާކަން ފަޅާއަރުވާލީ ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކްސް އެކައުންޓުންނެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވިނަރެސް ފްލެޓްތައް ދިނީ އިއުލާންކޮށްގެން ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތުހަމަވާ މީހުންނަށެވެ. އެމަނިކުފާނުގެ ވެރިކަން ނިމުނުއިރު ބާކީ ހުރި 123 ވިނަރެސް ފްލެޓް ރިޝްވަތު ނަގައިގެން ވަނީ މި ސަރުކާރުން ވިއްކާލާފަ އެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ވިނަރެސް ފްލެޓް ވިއްކަން ހުޅުވާލުމުން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލީ މީހުންގެ ތެރެއިން ވިނަރެސް ފްލެޓް ލިބޭ މީހުންގެ ހައްގުވެރިން ކަނޑައެޅުމަށްފަހު އެޗްޑީސީގެ ވެބްސައިޓްގައި ވެސް އެ ލިސްޓް އާންމުކުރި އެވެ. މި ސަރުކާރުން ވަނީ އެ ލިސްޓް ފަހުން ވެބްސައިޓުން ނަގާފަ އެވެ. އެކަމަކު އޭގެކުރިން އެ ލިސްޓް ބައެއް ފަރާތްތަކުން ވަނީ ޑައުންލޯޑްކޮށްފަ އެވެ.

ވިނަރެސް ފްލެޓް ލިބޭ ކަމަށް އެޗްޑީސީން އާންމުކޮށް އިއުލާންކުރި މީހުންގެ ލިސްޓްގައި ރަޖްނީ އާއި ޒުހުދާގެ ނަމެއް ނެތެވެ. ދެން ވިނަރެސް ފްލެޓް ދިނީ ސީލައިފް ކުންފުނީގެ ސަބަބުން ފްލެޓް ނުލިބި ތިބި މީހުންގެ ތެރެއިން ސިވިލް ކޯޓުން ކުރި ހުކުމްގައި ކަނޑައަޅާފައިވާ މީހުންނަށެވެ. އެ މީހުންގެ ތެރޭގައި ރަޖްނީ ނުހިމެނެ އެވެ. އުސޫލުގެ ތެރެއިން ވިނަރެސް ފްލެޓް ލިބޭނެ އިތުރު ގޮތެއް ނޯވެ އެވެ. މީގެ އިތުރުން ރަޖްނީއަށް ކ. ހިންމަފުށިން ވެސް ގޯއްޗެއް ލިބިފައިވެ އެވެ.

އެހެނިހެން ގޮތްގޮތުން ވިނަރެސް ފްލެޓް ދިން މީހުންގެ ލިސްޓް ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކްސް އެކައުންޓުން ވަނީ ފަޅާއަރުވާލާފަ އެވެ. އެއީ ކޮރަޕްޝަންގެ ތެރެއިން ފްލެޓް ލިބުނު މީހުންނެވެ.

ރަޖްނީއަށް ފްލެޓް ލިބުނުގޮތާ ބެހޭގޮތުން ރައްޔިތުންނަށް ޖަވާބުދާރީވުމަށް ހަސަން ކުރުސީގެ އެކައުންޓުން ވަނީ އޭނާގެ ކިބައިން އެދި ޕޯސްޓްތަކެއްކޮށްފަ އެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުދީ އޭނާ ވަނީ އެ އެކައުންޓް އަންފޮލޯކޮށްފަ އެވެ.