ރިތްވިކް ދަންޖާނީ އާއި އާޝާ ނޭގީ އަކީ މަޝްހޫރު ޑްރާމާ ސިލްސިލާ ޕަވިތްރަ ރިޝްތާގެ ލީޑުރޯލުން ފެނިގެން ދިޔަ ދެ ތަރިންނެވެ.

އޭގެ ކުރިން ޕަވިތްރަ ރިޝްތާގެ ލީޑުން ފެނިގެން ދިޔަ ސުޝާންތް ސިންގް ރާޖްޕުޓް އާއި އަންކިތާ ލޯކަންޑޭ ފަދައިން އާޝާ އާއި ރިތްވިކާ ދެމެދުގައި ލޯބީގެ ގުޅުން އުފެދިގެންދިޔަ އެވެ.

ވަރުގަދަ ކަމަށް ފެނުނު މި ޖޯޑުގެ މެދުގައި މައްސަލަ ގޯސްވެ ގުޅުން ނިމުމަކަށް އައީ މީގެ ދެތިން މަސް ކުރިންނެވެ. ފެންނަ މަންޒަރުތަކަށް ބަލާއިރު ރިތްވިކް މިވަނީ "މޫވް އޮން" ކޮށް އެހެން ގުޅުމަކާ ދިމާއަށް މިސްރާބު ޖަހާފަ އެވެ.

ރިޕޯޓުތައް ބުނާގޮތުން ކަތްރޯން ކީ ކިލާޑީ 8 ގައި ރިތްވިކްއާއެކު ބައިވެރިވާ މޯނިކާ ޑޮންގްރާއާއެކު އޭނާ އުޅެނީ ލޯބީގެ ގޮތުން ގުޅިގެންނެވެ. މީގެ ކުޑަ ދުވަސްކޮޅެއް ކުރިން މޯނިކާ ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް އޭނާ އާއި ރިތްވިކް ފެންނަ ވަރަށް ލޯބި ފޮޓޯއެއް ހިއްސާކޮށްފަ އެވެ.

މި ފޮޓޯއާއި އެކު ލިޔެފައިވާ ދިގު ކެޕްޝަންގެ އެންމެ ތިރީގައި "ލޯބިވޭ" އޮތުމުން ފޭނުން އުތުރި އަރައިގަތެވެ. އަދި ކަމުގެ ހަގީގަތް ދެނެގަންނަށް ކެތްމަދުވި އެވެ.

އެހެން ނަމަވެސް މިހާތަނަށް މި ދެތަރިން ވެސް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ރަސްމީކޮށް އެއްބަސްވެފައި ނުވެ އެވެ.