އެކި މީހުންނަށް ނޭނގި އެ މީހުންގެ ނަމުގައި އިލެކްޝަންސް ކޮމިޝަނަށް ވެރިކަންކުރާ ޕީއެންސީއަށް ހުށަހަޅާފައިވާ ވަގު ފޯމްތަކުގައި އެ ފޯމަށް ޒިންމާވެ ސޮއިކުރައްވާފައި ވަނީ އެ ޕާޓީގެ ރަޖިސްޓްރާ އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު އަފޫ ހާމިދުކަން ހާމަވެއްޖެ އެވެ.
ފަހަކަށް އައިސް ކޮންމެ ދުވަހަކު ކަހަލަގޮތަކަށް ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ވަގު ފޯމްތައް އަންނީ ފަޅާއަރަމުންނެވެ.
މިއަދުވެސް ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ އެ މީހުންގެ ނަމުގައި އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާފައިވާ ވަގު ފޯމްތައް ހިއްސާކޮށްފަ އެވެ.
އެފަދަ ކަމެއް މެރުވެރިވި މީހަކު "ހުރިހާ"އަށް ކިޔައިދިންގޮތުގައި އޭނާއަކީ ދުވަހަކު ވެސް ޕީއެންސީއަށް ސޮއިކުރި މީހެއް ނޫން ކަމަށެވެ. އަދި އޭނާ ޕީއެންސީއަށް ސޮއިކުރި ކަމަށް ބުނެ ފޯމުގައި ޖަހާފައިވާ ތާރީހުގައި އޭނާ ހުރީ އައްޑޫ ސިޓީގައި ކަމަށް ބުންޏެވެ.
"ދެ މީހަކު އެބައިން ހެކިވެ ސޮއިކޮށްފަ އެ މީހުންގެެ ކުރިމަތީގައި އަޅުގަނޑު ޕީއެންސީއަށް ސޮއިކުރި ކަމަށް. އެކަމަކު އަޅުގަނޑު އެ ދުވަހު ހުރީ އައްޑޫ ސިޓީގައި. ދުވަހަކު ވެސް އަޅުގަނޑު ޕީއެންސީއަށް ސޮޔެއް ނުކުރަން. އަދި ނުވެސް ކުރާނަން،" އޭނާ ބުންޏެވެ.
ޕީއެންސީއަށް ސޮއިކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ގިނަ އަދަދެއްގެ ވަގު ފޯމު ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ ހުރިހާ ފޯމެއްގައި ވެސް އެ ފޯމަށް ޒިންމާވާ ބޭފުޅެއްގެގޮތުގައި ޕާޓީގެ ފަރާތުން ރަޖިސްޓްރާގެ ހައިސިއްޔަތުން ސޮއިކުރައްވާފައި ވަނީ މެމްބަރު އަފޫ އެވެ.
ޕީއެންސީއަށް އެއްލައްކަ މެމްބަރުން ހަމަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. ޑީއެންއާރްގެ ޑޭޓާބޭސް ބޭނުންކޮށްގެން ގިނަ އަދަދެއްގެ ރައްޔިތުން ވަގަށް ޕީއެންސީއަށް ވައްދާފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ.
ޑީއެންއާރް ހިންގަނީ ހޯމް މިނިސްޓްރީގެ ދަށުންކަމަށްވާއިރު، އެ މިނިސްޓްރީގެ ތެރޭގައި ޕީއެންސީއަށް ފޯމު ފުރާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
މިމީހުންގެ އަތް ބުރިކުރަންޖެހޭނީ، މިއީދޯ ބޮޑަތި ވަގުންނަކީ!
ރިޕްލައިތީ ބޮޑުވަގެއް ނޫ
ރިޕްލައި