ހުޅުމާލެ ހޮސްޕިޓަލާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ އާ އިމާރާތެއް އަޅަން މާކެޓްގައި ހުރި އަގަށްވުރެ އެތައް ގަނައެއް ބޮޑުކޮށް 1.5 ބިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކުރިކަން ފަޅާއަރައިފި އެވެ.

މިކަން ފަޅާއަރުވާލާފައި ވަނީ ވިސިލްބްލޯކުރާ، ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކްސް އެކައުންޓުންނެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި 15 ބުރީގެ އާ އިމާރާތެއް އަޅަން މިދިޔަ ޑިސެމްބަރު މަހު ބަޔަކާ ހަވާލުކޮށްފައި ވަނީ 910.6 މިލިއަން ރުފިޔާއަށެވެ. އެ އަގަކީ މާކެޓް ރޭޓަށްވުރެ ސްކޮޔާ ފޫޓަކަށް 4،500 ރުފިޔާ ބޮޑު އަގެކެވެ. މިއީ ލަގްޒަރީ ފެންވަރުގައި ހެދޭ އަގަށްވުރެ 80 ޕަސެންޓް ބޮޑު އަގެކެވެ.

އެ އިމާރާތް އަޅާ ބިމުގެ ޖާގައަކީ ޖުމްލަ 202،362 ސްކޮޔާ ފޫޓު ކަމަށްވާއިރު، މާކެޓް ރޭޓް ހުރިގޮތުން ލަގްޒަރީ ފެންވަރުގައި އެ އިމާރާތް އަކަފޫޓަކަށް 2،500 ރުފިޔާގެ ރޭޓުން އެޅޭނެ އެވެ.

އައްޑޫ ހޮސްޕިޓަލްގައި ތިން ބުރީގެ އިމާރާތެއް އަޅަން ހަވާލުކުރީ 616.9 މިލިއަން ރުފިޔާ އަށެވެ. އެ އަގަކީ މާކެޓް ރޭޓަށްވުރެ ސްކޮޔާ ފޫޓަކަށް 3،575 ރުފިޔާ ބޮޑު އަގެކެވެ. މިއީ ލަގްޒަރީ ފެންވަރުގައި ހެދޭ އަގަށްވުރެ 43 ޕަސެންޓް ބޮޑު އަގެކެވެ.

މި އެގްރީމެންޓްގައި ސޮއިކުރި ތަނަށް ވެއްދީ ހަމައެކަނި ހެލްތު މިނިސްޓްރީގެ ތިން މުވައްޒަފުންނެވެ. އިތުރު މުވައްޒަފަކު އެތަނަށް ވަނުން އޮތީ މަނާކޮށްފަ އެވެ. އަދި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ފޮޓޯ ނެގުން ވެސް އޮތީ މަނާކޮށްފަ އެވެ.

ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެލްތު މިނިސްޓްރީން ކޮންޓްރެކްޓްތަކުގައި ސޮއިކުރާއިރު މީޑިއާތަކަށް ދައުވަތުވެސް ދެ އެވެ. އަދި ރަސްމިއްޔާތު ނިމުމުން ފޮޓޯއާއެކު އެކަމުގެ މައުލޫމާތު މީޑިއާ ވައިބާ ގްރޫޕްގައި ވެސް ހިއްސާކުރެ އެވެ. ނަމަވެސް ހުރިހާ ކަމެއް ހާމަކުރައްވާނެ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގަތް ރައީސް މުއިއްޒުގެ ސަރުކާރުން އެފަދަ ކަންކަން ކުރަނީ ސިއްރެވެ.

މޯލްޑިވްސް ފުޑު އެންޑް ޑްރަގް އޮތޯރިޓީގެ ސީނިއާ ސައިންޓިފިކް އޮފިސަރު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ހެނދުނު ވަނީ ހެލްތު މިނިސްޓްރީއަށް ގުޅައި އެ ބޮޑު ވައްކަމުގެ މައުލޫމާތު ހަސަން ކުރުސީއަށްދިން މައްސަލަ ތަހުގީގު ކުރުމަށް އަންގަވާފަ އެވެ.

މިފަދަ ބޮޑު ވައްކަމެއް ސަރުކާރުގެ މިނިސްޓްރީއަކުން ހިންގާކަން ސޯޝަލް މީޑިއާގައި ހާމަކުރަމުންދާއިރު، އެންޓި ކޮރަޕްޝަން ކޮމިޝަނަށް މިކަން އެނގޭ ކަމަކަށް ނުވެ އެވެ. އެ ކޮމިޝަނުން މި މައްސަލަ ތަހުގީގެއް ވެސް ނުކުރެ އެވެ. އެ ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް ވަކިކުރުމާއި އައްޔަންކުރުމުގެ ބާރު ރައީސް މުއިއްޒަށް ވަނީ ދީފަ އެވެ.

ފަހަކަށް އައިސް މި ސަރުކާރުގެ ގިނަ އަދަދެއްގެ ކޮރަޕްޝަން މައްސަލަތަކެއް އަންނަނީ ފަޅާއަރަމުންނެވެ. އެކަމަކު ރައީސް މުއިއްޒު ވިދާޅުވަނީ އެއީ އެމަނިކުފާނަށް އެނގިގެން ހިނގާ ކަންކަމެއް ނޫން ކަމަށެވެ.