ހުއްދަ ނުހޯދައި ފެންވަރުދަށް ސިނގިރޭޓު ވިއްކާ ކަމުގެ ތުހުމަތު މަޖިލިސް ދެ މެންބަރަކަށް ކޮށްފި އެވެ.

"ހަސަން ކުރުސީ" ގެ ނަމުގައި ހިންގާ ވިސްލް ބްލޯވާ އެކައުންޓުން ހާމަކޮށްފައިވާ ގޮތުގައި ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ރާއްޖެއަށް ފެންވަރު ދަށް ދުންފަތް އިމްޕޯޓުކޮށްގެން، ވަގަށް ސިނގިރޭޓް އުފައްދާ އަދި ވިއްކަމު ގެންދަވާ ކަމަށެވެ.

ކުރުސީ ބުނެފައިވާ ގޮތުގައި ސިނގިރޭޓް އުފެއްދުމުގެ މަސައްކަތް ކުރަމުން ދަނީ މެންބަރު ރިފާއުގެ އެއްބަނޑު އެއްބަފާ ދެ ކޮއްކޮއާ ހަވާލުކޮށްގެން ހެންވޭރު ގެއެއްގައި ފެކްޓްރީއެއް ހަދައިގެން ކަމަށެވެ. އެތަނުގައި ބޭރު 8 މީހަކު މަސައްކަތް ކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.

ސިނގިރޭޓު ވިއްކަމުންދަނީ ދެ ބުރޭންޑެއްގެ ނަމުގައި އެވެ. އެގޮތުން މި ދެ ބްރޭންޑް އުފައްދައި ވިއްކަމުން ދަނީ އެއްވެސް ހުއްދައެއް ނުހޯދާކަމަށްވެ އެވެ.

ސަރުކާރުން ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމުގެ ނަމުގައި ސިނގިރޭޓްގެ އިމްޕޯޓް ޑިއުޓީ ބޮޑުކޮށް ގިނަ ބަޔަކު ބޭނުންކުރަމުން ދިޔަ ވޭޕް އެއްކޮށް މަނާކުރުމަށް ވަނީ ގާނޫނަށް ބަދަލުތަކެއް ގެނެސްފަ އެވެ. މިއާއެކު ސިނގިރޭޓަށް އޮންނަ ޑިމާންޑް ބޮޑުވެ ގިނަ ބަޔަކު ބޮޑު އަގުގައި ސިނގިރޭޓް ގަންނަން ފަށާފައިވެ އެވެ.

ސަރުކާރުން ގެނައި މި ބަދަލުތަކާއެކު މީ ވަކިބަޔަކަށް މާލީ މަންފާ ހޯދައިދިނުމަށް ގެނައި ބަދަލުތަކެއް ކަމަށް ތުހުމަތު ކޮށްފައިވަނިކޮށް، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އިސް މަޖިލިސް ދެ މެންބަރަކު ސިނގިރޭޓް ވިޔަފާރިއެއް ކުރަމުންދާކަމުގެ އަޑުތަކާއެކު ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.