ކަމާގުޅޭ ވަޒީރުންނާ އެކީގައި ރަށްރަށަށް ދަތުރުކުރަނީ ސީރިއަސް މަސައްކަތްތަކެއް ކުރަން ކަމަށާއި ބޭނުންވަނީ ނަތީޖާ ނެރުމަށް ބާރު ސްޕީޑުގައި މަސައްކަތް ކުރަން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު 59 މީހުންގެ ބޮޑު ވަފުދަކާއެކު ހއ. އަތޮޅުގެ 10 ރަށަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއް ފެއްޓެވީ އިއްޔެ ހެނދުނު އެވެ. އޭގެ ތެރެއިން ގިނަ ރަށްރަށަށް ވަޑައިގެން ކުދިކުދި މަޝްރޫއުތައް ފައްޓަވައި އަދި ބައެއް ކަންކަން އިފްތިތާހުކޮށްދެއްވަމުން އެބަގެންދަވަ އެވެ. މިދިޔަ ހަފުތާގައި ބޮޑު ވަފުދަކާއެކު ރ. އަތޮޅުގެ 11 ރަށަކަށް ވަޑައިގެން ވެސް ކުދި މަޝްރޫއުތައް އިފްތިތާހުކޮށް އިންތިހާބު ދުވަސްވަރު އިއުލާންކުރި ބައެއް ވައުދުތައް ތަކުރާރުކުރެއްވި އެވެ.
ބޮޑު ވަފުދެއް ގޮވައިގެން ކޮންމެ ހަފުތާއަކު އަތޮޅުތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުތަކާ ބެހޭ ގޮތުން ހއ. މާރަންދޫގައި މިއަދު ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ "މިކަމަށްވެސް ހަމަ ބައެއް މީހުން އެބަ ފާޑުކިޔާ" ކަމަށެވެ.
"އަޅުގަނޑު ބޭކާރު ޚަރަދެއް ކުރަނީއޭ. ނޫން. ޚަރަދު ބޭކާރުވާނީ، ހަގީގަތުގައި ލަސްވެގެން ގޮސް، ގެއްލިގެންދާ ދުވަސްތަކުން. އެ ލިބޭ ގެއްލުން މާ ބޭކާރު ޚަރަދަކަށް އެބަވޭ،" ވަރަށް ހިތްޕުޅާ ނުވެ ހުންނަވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެ ދަތުރުތަކަކީ ބޭކާރު ހަރަދެއް ނޫން ކަމަށާއި މަސައްކަތް ލަސްވުމުން އެ ހިނގާ ދުވަސްތަކުން ލިބޭ ގެއްލުން މާ ބޮޑު ކަމަށެވެ.
"އެހެންވީމާ، އަޅުގަނޑު ބޭނުންވަނީ، މާލޭގައި އަޅުގަނޑުމެން އަރާމުގައި ތިބުމުގެ ބަދަލުގައި، އަޅުގަނޑާ އެކީގައި ވަޒީރުން ރަށްރަށަށް ވަޑައިގެން، ކަމާގުޅޭ ހުރިހާ ދާއިރާތަކެއްގެ ވަޒީރުން، ކައުންސިލާއި، މުއައްސަސާތަކުގެ ޒިންމާދާރު މި ބޭފުޅުންނާ އެކީގައި އިށީނދެގެން، ކޮން ކަމެއްގައި އޮތީ، ކޮން މައްސަލައެއްތޯ އަދި އެއަށް ގެނެވޭނީ ކޮން ޙައްލެއްތޯ، ދެފަރާތުން މަޝްވަރާ ކުރެވި، ކަންކަން ހަމަޖެހިގެން ދާން. އޭރުން ކަންކަން ބާރަށް ހިނގާނީ،" ރާއްޖޭގެ އެންމެ އާބާދީ މަދު އެއް ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެ މަނިކުފާނު ވަޑައިގަންނަވާ ކޮންމެ ރަށެއްގައި މި ހިނގަނީ މަސައްކަތު ބައްދަލުވުންތަކެއް ކަމަށެވެ.
"ތިޔަބޭފުޅުންނާ އެކީގައި މި ހިނގަނީ. މި ބޭއްވޭ ބައްދަލުވުމަކީ ވެސް ކަންކަން ކުރަން އަޅުގަނޑު ނިންމާގޮތާއި، އަދި ތިޔަބޭފުޅުންގެ ކިބައިން އަޅުގަނޑާ ހަމައަށް، މި ދެންނެވި މަޝްވަރާ ބައްދަލުވުމުގައި އަންނަ ކަންކަން އަޅުގަނޑު ކުރަން ގަސްދުކުރާގޮތް ހިއްސާކުރުން،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރަށްތައް ކުރައްވާ ދަތުރުފުޅުތަކުގައި މި ހޭދަކުރައްވަނީ ސީރިއަސް ވަގުތުތަކެއް ކަމަށާއި އަދި އެއީ ރަށުގެ ތަރައްއަށްޓަކައި ކަންކަން ކުރުމުގައި ހޭދަކުރައްވާ ވަގުތުތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މިގޮތަށް ގެންގޮސް، މި ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންކަންވެސް މި އަހަރުގެ ތެރޭގައި، ގިނަ ކަންތައްތަކެއް އަމަލީގޮތުން އިރާދަކުރެއްވިއްޔާ ފެންނާނެ ކަމީ އަޅުގަނޑު ތިޔަބޭފުޅުންނަށްދޭ ފުރިހަމަ ޔަގީންކަމެއް. މި އަންނަ އަހަރުގެ ތެރޭގައި ދެން އޭގެ ނިމުމަކާ ހަމައަށް ގެންދިޔުން. މައިގަނޑު ގޮތެއްގައި އަޅުގަނޑުގެ ޕްލޭނަކީ، ދެ އަހަރު ތެރޭގައި، މިހެން ހުރި ވައުދުތަކުގައި ހުރި މެދުފަންތީގެ، މި ދަންނަވަނީ، ބަޖެޓުގެ ސައިޒުން މެދުފަންތީގެ ހުރިހާ މަޝްރޫއުތަކެއް ނިންމުން. ކޮންމެގޮތެއްވިޔަސް، ބޮޑެތި މަޝްރޫޢުތައް، ތިން އަހަރު ދުވަހަށްވެސް ދެމިގެންދާނެ،" ރަށްރަށުގެ މަޝްރޫއުތައް ހުއްޓިފައިވާތީ އެކަމާ ބެހޭ ގޮތުން ރައީސް ވިދާޅުވި އެވެ.
ރަށްރަށަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މައިގަނޑު ގޮތެއް އޮންނަނީ ރަށްރަށުގައި އޭޓީއެމް ބެހެއްޓުމަށް ކައުންސިލްތަކާއެކު ސޮއިކުރުމާއި ބައެއް ރަށްރަށުގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކާއި ކައުންސިލް އިމާރާތްތަކުގެ އިތުރުން އިހަވަންދޫގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީ މަޝްރޫޢުގެ މަސައްކަތް ފައްޓަވައި ދެއްވުމަށާއި، އައިޑީކާޑު އަދި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފައްޓަވައިދެއްވުން ފަދަ ކަންކަމެވެ.
އަހަންނަށް ހީވަނީ މި ރައީސް ހޮވާފައި މިހިރީ 30 ހަކަށް އަހަރަށް ހެން. އެހެންވެ ވަރަށް ގިނަ ވަގުތު އެބައޮތްހެން އެބަ ހީވޭ މިހެން ކޮންމެ ހަފުތާއަކު ދިހަ ބާރާ ވަރަކަށް ރަށަކަށް ދަތުރުކުރާތީ. މާލޭގައި ހައްދަވައިގެން ކުރާ އެއް ކަމެއް ވެސް ނުފެނޭ. ދެން ރަށްރަށުަގައި ހިންގާ މަޝްރޫއުތަކެއް ނޭނގެ. މި ފަސް އަހަރު ނިމެނޭނީ މިހެން
ރިޕްލައިއަހަރެމެންނަށް ލިބިފައި މިހިރަ ރައީސަކީ ހަމަ ޖަވާހިރެއް. މާލޭގައި ހުންނެވިޔަސް އަތޮޅުތަކަށް ވަރަށް ބާރަބަރަށް އެބަ ދަތުރުކުރައްވާ. އެކަމަކު ދެރަކަމަކީ ގިނަ ރަށްރަށުގައި މި ހުޅުވައިދެނީ ބަށިކޯޓެއް ކަހަލަ ތަންތަން. ކީއްކުރާނީ؟
ރިޕްލައި