ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން 128 މީހަކު ޕޮޒިޓިވްވިއިރު، މިއަދު އެކަނި 2،202 މީހުން ވެކްސިން ޖަހައިފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން 91 މީހަކު މިއަދު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އަތޮޅުތެރެއިން 11 މީހަކާއި ރިސޯޓްތަކުން 26 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއަދުގެ 128 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 22،790 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،491 ގައި މިހާރު ހުރިއިރު 20،226 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މިއަދު ވެކްސިން ޖެހި މީހުންގެ ތެރެއިން 1،451 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. އަތޮޅުތެރެއިން ވެކްސިން ޖެހީ 751 މީހުންނެވެ.

މިހާތަނަށް ޖުމްލަ 222،970 މީހަކު މުޅި ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، އޭގެތެރެއިން 124،678 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް އަތޮޅުތެރެއިން ޖަހާފައި ވަނީ 98،292 މީހުންނެވެ.