ދާދިފަހަކާ ޖެހެންދެން އެމްޕީއެލްގެ ސީއީއޯކަން ކުރި މުހައްމަދު ވަޖީހު އިބްރާހީމްއޭ ބުނުމުން އިތުރު ތައާރަފަކަށް ބޭނުންވާނެ ހެނެއް ހިޔެއް ނުވެ އެވެ. ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސްލް މަގާމުން ވަކިކުރުމުން ފެށުނު ކޮޅިގަނޑުގެ ވައިގައި މަގާމު ގެއްލުނު އެންމެ މުހިންމު މީހަކީ ވަޖީހެވެ. ވަޖީހުގެ ވާހަކަ ނޫސްތަކުގައި ލިޔަނީ ވަރަށް ޝައުގުވެރި ތައާރަފަކާ އެކުގަ އެވެ. އެއީ "އަދުރޭގެ ދަނބި ދަރިފުޅުގެ ބައްޕަ" ގެ ގޮތުގަ އެވެ. އެހެންކަމުން ލަފާކޮށްލަން އެންމެ ފަސޭހަ ގޮތަކީ ރައީސް މުއިއްޒުގެ ސަރުކާރާ ވަޖީހާ އޮތް ގުޅުމަކީ ވަޖީހުގެ ދޮށީ ފިރިހެން ދަރިފުޅުގެ އަންހެނުންގެ ބައްޕަ، އަބްދުއްރަހީމާ އޮތް އާއިލީ ގުޅުމުގެ ސަބަބުން ކަމެވެ.

ވަޖީހާ އަހަރެންނާ ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ދިމާވީ ދެފަހަރެވެ. އެންމެ ފަހުން ދިމާވީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޕީޕީއެމް އޮފީސް ހުންނަ ހިސާބުގެ މަގުމަތިންނެވެ. ވަޖީހުއާ އޭގެ ކުރިން ދިމާވި ދުވަހެކޭ އެއްފަދައިން އެފަހަރުވެސް ވަޖީހާއެކު ކޮފީއަށް ދިޔައީމެވެ. ކޮފީގެ ބިލު ދެއްކީ ވަޖީހެވެ. އެއީ އޭގެ ކުރިން ދިމާވި ފަހަރުވެސް އެކަން އޮތް ގޮތެވެ. ލާރި ނެތިގެނެއް ނޫނެވެ. ވަޖީހަށް އޮންނަ ގަދަރަކާ އިހުތިރާމެއްގެ ތެރެއިން އެކަން އެހެން ދަނީ އެވެ.

ވަޖީހާއެކު ކޮފީއަށް ދިޔަ ދުވަހުގެ ފަހުން ފޯނުން ވާހަކަ ދެއްކުމުގެ ފުރުސަތު ލިބުނެވެ. އެއީ ރިޔާސީ އިންތިޚާބު ބޯމަތިކޮށްފައި އޮތް ދުވަސްވަރެވެ. ރައީސް މުއިއްޒަށް ޕީޕީއެމްގެ ޓިކެޓް ލިބުނު ދުވަސްވަރެވެ. ރައީސް ޔާމީނަށް ތާއީދުކޮށް ޕީޕީއެމަށް ވޯޓު ދޭން ތައްޔާރުވެފައި ތިބި ގިނަ ބަޔަކު އޭރު ތިބީ ޝޮކެއްގަ އެވެ. އަހަރެން ވަޖީހަށް ގުޅީ ރީރެޖިސްޓްރޭޝަނާ ބެހޭ ކަމެއްގައި އެހީތެރިކަން ފޯރު ކޮށްދިނީ ވަޖީހު ކަމަށްވާތީ އެވެ. އެ ފޯނު ކޯލުގައި ރިޔާސީ ޓިކެޓަށް ވެގެންއުޅޭ ގޮތަކާއި ކުރިމަގުގެ ތަސައްވުރާ ބެހޭ ގޮތުން ސުވާލު ކުރީމެވެ. އޭރު ވަޖީހަކީ ޕީޕީއެމްގެ ބަސްވިކޭ މީހެވެ. ސެނެޓަރެކެވެ. ޕާޓީގެ ކަންތަކުގައި މުއިއްޒަށް ވުރެ ވެސް ވަޖީހުގެ ހަރަކާތްތެރިކަން ބޮޑުކަމުގައި ބުނެވިދާނެ އެވެ.

ވަޖީހު އަހަރެންގެ ސުވާލަށް ވަރަށް ތަފުސީލު ޖަވާބެއް ދިނެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމުގެ އުންމީދުގައި އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ތިބި ވާހަކަ އެވެ. އެހެން ނުވިނަމަ ދެންވާން އުންމީދު ކުރި ގޮތަށް ވެސް ކަންތައް ނުދިޔަ ވާހަކަ އެވެ. އެހެންކަމުން އެންމެ ފަހު ވަގުތު މުއިއްޒު ގެންނަން މަޖުބޫރުވި ވާހަކައާއި ކޮންމެ ގޮތަކަށް ވެސް އިންތިޚާބު ކާމިޔާބުކުރަން ޖެހޭ ވާހަކަ އެވެ.

ވަޖީހުގެ ވާހަކަ ރަނގަޅަށް އަޑު އެހީމެވެ. ދެކޮޅަށް ވެސް އެއްކޮޅަށް ވެސް އަމިއްލަ ޚިޔާލެއްފާޅެއް ނުކުރަމެވެ. އެއީ މުހިންމު ކަމަކަށް ވެސް ނުވާތީ އެވެ.

އެވާހަކަ އަޑުއެހުމަށްފަހު، މުއިއްޒު ވެރިކަމަށް ގެނައުމުގައި އަބުދުއްރަހީމް ކުރެހި ޕްލޭންގެ އެންމެ އިސް މޭސްތިރިއަކީ ވަޖީހު ކަމަށް ޔަގީނާ ގާތަށް ގަބޫލުކުރެވުނެވެ. އިންތިޚާބު ކާމިޔާބުވުމަށްފަހު ވަޖީހަށް އެމްޕީއެލްގެ ސީއީއޯގެ މަގާމު ލިބުމުން ތަހުނިޔާ ކިޔަން ގުޅީމެވެ. އެހެނަސް އަހަންނަށް ގުޅުނީ ތަންކޮޅެއް ފަހުންނެވެ. އޭރު ވަޖީހުގެ ފޯނު ނިވިއްޖެ އެވެ. އެފޯނު އޭގެފަހުން އަދި އޮންވި ކަމެއް ނޭނގެ އެވެ.

ރައީސް މުއިއްޒާއި އަބްދުއްރަހީމާ ދެމެދު ހަގީގަތުގައި މާބޮޑު މައްސަލައެއް ނުޖެހެ އެވެ. ދިމާވެގެން އުޅެނީ އިތުބާރުގެ މައްސަލައެކެވެ. ރައީސް އަބްދުﷲ ޔާމީންގެ ކަނާތް ކަމަށް ހެދިގެން ހުރެފައި ދަނޑިވަޅު ބަލައިފައި މުއިއްޒުގެ އަތުގައި ހިފައިގެން ވެރިކަން ހޯދައިދިން ގޮތް އެއީ މެންދުރުގެ އިރު ފަދައިން ފެންނަން އޮތް ހަގީގަތެކެވެ. އެހެން ކަމުން އެފަދަ މީހަކު މާދަމާ އެހެން މީހަކު ގެންގޮސް މުއިއްޒުގެ ގޮނޑީގައި ނުބައިންދާނެ ކަމުގައި ހީކުރުމަކީ ކުށެކެވެ.

ރައީސް މުއިއްޒު ކުރި ކަމަކީ އަބްދުއްރަހީމް ރައީސް ޔާމީނަށް ދިން ފަދަ ކެއްސެއްގެ ދަށުނުވުމަށް ކުރަން ޖެހޭ ކަންތައް ކުރުމެވެ. އަބްދުއްރަހީމްގެ ބާރު ކަނޑުވައިލުމަށްޓަކައި ފެށި މަސައްކަތުގައި އެންމެ ފުރަތަމަ ރޯޅިއާއެކީ ވަޖީހުގެ ވަޒީފާ ދިޔައީ ވަޖީހުގެ އާރާއި ބާރާއި ފެންވަރު މުއިއްޒަށް އެނގޭތީ އެވެ. ވަޖީހަކީ ހިންގުން ތެރިއެކެވެ. ވިސްނުން ތޫނު މުރާލި މީހެކެވެ. ކަންތައް ކޮށްލަން ކެރޭ ތޫނުފިލި މީހެކެވެ. އެފަދަ މީހަކު އަރާއި ބާރުގައި އަބްދުއްރަހީމާއެކު ވާކަށް މުއިއްޒަކަށް ނުރުހެވޭނެ އެވެ.

ދިހަ އަހަރު ވެރިކަން ކުރުމަށް މުއިއްޒު ހިފާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ގެންނަ ބަދަލުތަކުގެ ތެރޭގައި ކުރިއަށް ބޮޑެތި ބަދަލުތަކެއް އެބަ ހުރިކަމަށް އަޑުތައް އިވެ އެވެ. ސިޔާސީ ކަންތަކުގައި އުޅޭ ބައެއް މީހުން ލަފާކުރާ ގޮތުގައި އަބްދުއްރަހީމު ހުންނަ މަޖިލީހުގެ ރައީސްކަމުގެ ގޮނޑި ގެއްލުން އޮތީ ވަރަށް ކައިރީގަ އެވެ. ހަމަ އެއާއެކު ނައިބު ރައީސަކީ ވެސް މުއިއްޒުގެ ރާޑަރުގައިވާ މީހެކެވެ. ގެއްލޭ މަގާމުތަކަށް ފައި ނަގައިގެން ތިބި ބަޔަކު ވެސް އެބަ ތިއްބެވެ. ކުރިޔަށް އޮތީ އެފަދަ ގިނަ ބަދަލުތަކެއް އަންނާނެ ދުވަސް ކޮޅެކެވެ.