ފަރުވާ ލަސްވެ ގއ.ވިލިނގިލީގައި މާބަނޑު މީހަކާއި އޭނާ ވިހޭ ތުއްތު ދަރިފުޅު ނިޔާވެއްޖެ އެވެ.
ނިޔާވެފައިވަނީ ގއ ވިލިނގިލީ ޒަމާނީވިލާ، ޝިއުނާ ތައުފީގާއި އޭނާ ވިހޭ ދަރިފުޅެވެ.
އެ ރަށުން "ހުރިހާ" އަށް މައުލޫމާތު ދިން މީހަކު ބުނީ ޝިއުނާ ވިލިނގިލީގައި ހުންނަ ގއ.އަތޮޅު ހޮސްޕިޓަލަށް ގެންދިޔައީ ރޯގާޖެހި ނޭވާލާން އުނދަގޫ ވާތީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.
ޝިއުނާގެ ހާލަތައް ބަލައި ޑޮކްޓަރުންގެ ލަފާގެ މަތިން އިއްޔެ ހެނދުނު ސިޒޭރިއަން ހަދާއި ވަނީ ބަނޑަށް 8 މަހުގައި ދަރިފުޅު ނަގާފަ އެވެ. ސިޒޭރިއަށް އަށް ފަހު ހޭނާރައިގެން މަންމައާއި އަދި ދަރިފުޅުވެސް އިއްޔެ ހަވީރު ވެންޓިލޭޓަރަށް ލާންޖެހުނު ކަމަށް އޭނާ ބުންޏެވެ.
އޭގެ ފަހުން އިތުރު ފަރުވާއަށް ޝިއުނާ މާލެ ގެންދެވޭނެ ގޮތް ނުވެ ލަސްވުމާއި ގުޅިގެން އިއްޔެ ހަވީރުން ފެށިގެން އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ހޮސްޕިޓަލު ކައިރިއަށް އެއްވެ އެކަމާއި ނުރުހުން ފާޅުކޮށްފަ އެވެ.
މާލެ ފޮނުވުން ލަސްވީ އެއާ އެންބިއުލާންސް ގްރައުންޑް ކޮށްފައި އޮތުމުން ކަމަށްވެސް އޭނާ ބުންޏެވެ. ފަހުން މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮށްގެން މާލެ ގެންދެވޭތޯ ގިނަ މަސައްކަތް ތަކެއް އާއިލާއިން ކުރި އެވެ. އާސަންދަ ހަމަޖެހި ފްލައިޓު ހަމަޖެއްސުމަށްވެސް ވަރަށް ގިނަ ވަގުތު ނަގާފައިވެ އެވެ.
ދެމައިން މާލެ ގެންދިއުމަށް އެ އަތޮޅު އެއާޕޯޓް އޮންނަ ކޫއްޑޫއަށް ގެންދިޔަ ފަހުން މޯލްޑިވިއަންގެ ފްލައިޓްގައި ބޭނުންވާވަރަށް އޮކްސިޖަން ނެތުމުން ރަންވޭގައި 2 ގަޑިއިރު މަޑުކުރަން ޖެހުނުކަމަށް ޝިއުނާގެ އާއިލާ މީހަކު ވަނީ ބުނެފަ އެވެ.
ފަރުވާ ލަސްވަމުގެ ސަބަބުން ރޭގެ 23:23 ގައި ޝިއުނާ ވަނީ އެއާޕޯޓްގައި ނިޔާވެފަ އެވެ.
ދަރިފުޅު ސަލާމަތްކުރެވޭތޯ މޯލްޑިވިއަންގެ ފްލައިޓުގައި ދަރިފުޅު މާލެ ފޮނުވި ނަމަވެސް މާލެ ގެނެސް އެންއައިސީޔޫއަށް ގެންދެވުނުއިރު ދަރިފުޅު ނިޔާވެފައިވާ އާއިލާއިން ބުންޏެވެ.
މިކަމާއި ގުޅިގެން އެ ރަށުގެ ގިނަ ބަޔަކު ދަނީ އެ އަތޮޅުގެ ސިއްހީ ފަރުވާ ލިބުމުގައި ހުރި ބޮޑެތި ދަތިތަކާއި މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.