މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް މި އަހަރު ހުށަހަޅުއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދެ އިންތިހާބު އެއްކޮށްލުމަށް ވިސްނަވާކަން އެންމެ ފުރަތަމަ ރައީސް މުއިއްޒު ހާމަކުރެއްވީ ނިމިދިޔަ އަހަރުގެ ޖުލައި މަހު އެވެ. ޕީއެންސީގެ ޖަހަގަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިންތިހާބުތައް ބޭއްވުމުގައި އިގްތިސާދަށް ގެއްލުން ނުވާގޮތަށް ބައްޓަން ކުރަން ޖެހޭކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުއެކީގައި ބޭއްވުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅުއްވާނެ ކަމަށް އޭރު ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން މިއަދު ރައީސް ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމަށް މިއަހަރުގެ ތެރޭގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ހުށަހަޅުއްވާނެ ކަމަށެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމާއި ރިޔާސީ ދައުރު ފެށުން ނޮވެމްބަރު 11 އަށް ބަދަލުކުރުމަށްވެސް ފެންނަ ނުފެންނަ ވޯޓެއް ނަންގަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބާއްވާ ގޮތަށް ބަދަލުކުރުމާއި ނޮވެމްބަރު 11 ގައި ރިޔާސީ ދައުރު ފެށޭގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުން. ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާގޮތް އިސްލާހުކުރުން،" ރައީސް ވިދާޅުވި އެވެ.
ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތަކުގެ ތެރެއިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކަށް ދާން ޖެހޭ ކަންކަމުގައި އެ ވޯޓު ނެގޭނެ ގޮތުގެ ގާނޫނީ އޮނިގަނޑެއް ގާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަކަށް ނުގޮސް، ފުރަތަމަ ބުރުގައި އެންމެ މަތިން ވޯޓު ލިބޭ ކެންޑިޑޭޓަކީ އިންތިހާބު ކާމިޔާބުކުރާ ކެންޑިޑޭޓުގެ ގޮތަށް ބަދަލުކުރަން ފެނޭތޯ ވެސް ރައްޔިތުންގެ ވޯޓަށް އަހާނެ ކަމަށް ވެސް ރައީސް މީގެ ކުރިން ވިދާޅުވެފައިވެ އެވެ. އެހެން ނަމަވެސް މި ފަހަރުގެ ރިޔާސީ ބަޔާނުގައި އެ ވާހަކަ ދައްކަވާފައި ނުވެ އެވެ.
ޤާނޫނުއަސާސީއަށް ގެނައުމަށް ޤަސްދުކުރައްވާ މުހިންމު ބައެއް އިސްލާޙުތަކުގެ ތެރޭގައި ރައީސް ވަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުން ހިމެނޭކަމަށްވެސް ރައީސް ވިދާޅުވި އެވެ.