ބޮލީވުޑްގެ މަޝްހޫރު ތަރި ސަންޖޭ ދަތުއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންގެ މެދުގައި މަގުބޫލު އެކްޓަރެކެވެ. ސަންޖޭގެ ސަޕޯޓަރުން ފާހަގަ ކުރެވިފައިވަނީ އޭނާއަށްޓަކައި މަރުދޭ ބައެއްގެ ގޮތުގަ އެވެ.
އެގޮތުން 2018 ވަނަ އަހަރު ސަންޖޭގެ ސަޕޯޓަރަކު ވަނީ މަރުވުމުގެ ކުރިން އޭނާގެ ހުރިހާ މުދަލެއް ސަންޖޭގެ ނަމުގައި ރަޖިސްޓްރީ ކޮށްފަ އެވެ.
ބުނެވޭ ގޮތުގައި ސަންޖޭއަށް އެކަން އެނގުނީ ނިޝާ ޕަޓިލް ނަމަކަށް ކިޔާ އެ އަންހެން މީހާ މަރުވުމަށްފަހު މުދާ ބެހުމުގެ ކަންކަމުގައި އިންޑިއާގެ ފުލުހުން ސަަންޖޭއަށް ގުޅުމުންނެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ނިޝާ ވަނީ އެކި ބޭންކުތަކާ ގުޅައިގެން 72 ކްރޯޑް ރުޕީސްގެ އަގުހުރި މުދަލާއި ފައިސާ ސަންޖޭއަށް ހަދިޔާ ކޮށްފަ އެވެ.
ސަންޖޭގެ ވަކީލުން ވެސް އެކަން ޔަގީން ކޮށްދީފައިވާއިރު އެ ފައިސާ އޭނާ ބޭނުން ނުކުރާނެ ކަމަށް ސަންޖޭއާ ހަވާލާދީ ވަކީލުން ބުނެފައިވެ އެވެ.
"އަހަންނަށް ނިޝާއަކީ ކާކު ކަމެއް ނޭނގޭ. އަހަރެން އެއިން އެއްވެސް ފައިސާއެއް ނުނަގާނަން. މިހުރީ ބުނާނެ އެއްޗެއް ވެސް ނޭނގިފައި،" ސަންޖޭ ބުނެފައިވެ އެވެ.
1980ގެ އަހަރުތަކުގައި ބޮލީވުޑަށް ތައާރަފްވި ސަންޖޭއަކީ 300 ކްރޯޑް ރުޕީސްއާއެކު މިވަގުތު ބޮލީވުޑްގެ އެންމެ މުއްސަނދި އެކްޓަރުންގެ ލިސްޓުގައި ހިމެނޭ ތަރި އެކެވެ.