ޕާކިސްތާނުގެ މުފްތީއެއް ކަމަށްވާ އަބްދުލް ގަވީ ބޮލީވުޑްގެ މައްސަލަ ބޮޑު އެކްޓްރެސް ރާކީ ސާވަންތުއާ ކައިވެނި ކުރަން ހުށައަޅައިފި އެވެ.
ޕާކިސްތާނުގެ ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން ގަވީ ބުނީ ރާކީއަކީ ވަރަށް ގަދަރުވެރި އަންހެނެއް ކަމަށާއި އެކަން އޭނާގެ އަމަލުތަކުން އެނގޭ ކަމަށެވެ.
އެއާއެކު އޭނާގެ މަންމަގެ އެއްވެސް އިއުތިރާޒެއް ނެތްނަމަ ރާކީއާ ކައިވެނި ކުރަން ވެސް ބޭނުން ކަމަށާއި އެކަމަށް ތައްޔާރަށް ހުރި ކަމަށްވެސް ގަވީ ބުންޏެވެ.
ގަވީގެ މި ޕޮޑްކާސްޓްއަށް ރައްދު ދެމުން ރާކީ ބުނެފައިވަނީ މުފްތީ ގަވީއާ ކައިވެނި ކުރަން މިހާރު ވެސް ތައްޔާރަށް ހުރި ކަމަށާއި އޭނާގެ އުޚުތެއް ކަމަށްވާ ސަނާ ޚާން ވެސް ކައިވެނިކުރީ މުފްތީއަކާ ކަމަށެވެ.
ރާކީ ވަނީ މީގެ ކުރިން ވެސް މުސްލިމެއް ކަމަށްވާ އާދިލް ޚާންއާ ކައިވެނިކޮށް އިސްލާމްވެ އުމްރާގެ އަޅުކަން ވެސް އަދާކޮށްފަ އެވެ. އެހެން ނަމަވެސް އާދިލްއާއި އޭނާގެ ކައިވެނި ވަނީ ވަރަށް ހަޑި ގޮތަކަށް ނިމިފަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މުފްތީ ގަވީއަކީ ވެސް ޕާކިސްތާނުގައި ވަރަށް މައްސަލަ ބޮޑު ޝަހްސިއްޔަތެއް ކަމެވެ. އޭނާއާ ގުޅިގެން އެތައް މައްސަލައެއް ޕާކިސްތާނުގައި ހިނގާފައިވެ އެވެ.