ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަަތައް ކުޑަނުކުރެވޭނެ ކަމަށް ރައީސްއަށް ލަފާދޭން ކޮމިޓީން ނިންމައިފި އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްކުރީ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން ނޫނީ މުސާރަތައް ކުޑަނުކުރެވޭނެތީ, މި ވަގުތަށް މުސާރައަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަ ނުފެންނަ ކަމަށް ރައީސްއަށް ލަފާދިނުމަށެވެ.

މުސާރަތައް ކުޑަކުރުމަކީ ސަރުކާރުގެ އިގުތިސޯދީ އިސްލާހީ އެޖެންޑާގެ ދަށުން ދެ އަހަރުގެ މުއްދަތަށް އަޅަން ނިންމާ ފިޔަވަޅެއްކަން ކަނޑައަޅައި، އެ ބަދަލު އަހަރަށް ފާސްކުރާ ބަޖެޓާއެކީ ގެންނާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއުލާންކުރެއްވި ފިޔަވަޅެކެވެ.

އެގޮތުން އެކަމަށް މަގު ފަހިކުރުމަށް މަޖިލީހުގެ ރުހުން ހޯދަން ހުށަހެޅި ހުށަހެޅުމުގައި މުސާރަތަކާ ގުޅޭ ގޮތުން އޮތީ މައިގަނޑު ތިން ކަމެކެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިން 10 ޕަސެންޓު އުނިކުރުން.
  • ޝަރުއީ ދާއިރާގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓު އުނިކުރުން.
  • މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި އަސާސީ މުސާރައިގެ ގޮތުގައި 12,000ރ. އަށް ވުރެ މަތިން ލިބޭ މަގާމުތަކުގެ އަސާސީ މުސާރައިގެ 10 ޕަސެންޓު އުނިކުރުން.

މި މައްސަލަައިގައި މާލިއްޔަތު ކޮމިޓީގެ މައިގަނޑު ކަންބޮޑުވުމަކަށްވީ، މި ބަދަލުތައް ގެންނަން ގިނަ ގާނޫނުތަކަށް ބަދަލު ގެންނަން ޖެހުމެވެ. ކޮމިޓީގައި ރިޕޯޓު އިއްވީ ފުނަދޫ ދައިރާގެ މެމްބަރު މުހައްމަދު މަމްދޫހު އެވެ. އެނާ ވިދާޅުވީ މި ގޮތަށް ގެންނަ ބަދަލެއް އިންސާފުވެރިވާނެ ކަމަކަށް ކޮމިޓީގެ މެންބަރުންނަށް ނުފެންނަ ކަމަށެވެ.