ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެނަމަ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަށް ވަނުމަށް ދަ ޑިމޮކްރެޓްސް ޕާޓީން ހުށަހެޅުމަށްފަހު އެކަމުގައި ބައިވެރިނުވެ, ފިލައިފި އެވެ.
ސަރުކާރު ހިންގާ ޕީއެންސީން އިސްވެ އޮވެ ގާނޫނުއަސާސީ އަށް މިދިޔަ އަހަރު ގެނައި އިސްލާހު ބާތިލް ކުރަން ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު ވަކީލް އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައަށް ތަދައްހުލުވުމަށް އެމްޑީޕީގެ އިތުރުން ޑިމޮކްރެޓްސް ޕާޓީން ވެސް ހުށަހެޅި އެވެ.
ނަމަވެސް މިހާރު ކުރިއަށް ދާ ޝަރީއަތުގައި ޑިމޮކްރަޓްސް ޕާޓީން ބައިވެރިއެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލައަށް ވަނުމަށް ޑިމޮކްރަޓްސް ޕާޓީން ކޯޓަށް ލިޔުންތަކެއް ހުށަހެޅުމަށްފަހު އެ ލިޔެކިޔުންތައް ފުރިހަމަ ކުރަން އެ ކޯޓުން އެންގުމުން އެކަން ފުރިހަމަ ކޮށްފައެއް ނުވެ އެވެ.
އެ ޕާޓީގެ ރައީސް އިމްތިޔާޒު ފަހުމީ (އިންތި) ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދާދިފަހުން ވިދާޅުވެފަ އެވެ. އިންތި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުއަސާސީ ހެދުމާއި އިސްލާހު ކުރުމުގެ ބާރު އޮތީ ރައްޔިތުން ތަމްސީލު ކުރާ ރައްޔިތުންގެ މަޖިލީހަށް އެކަނި ކަމަށެވެ.
"ގާނޫނުއަސާސީ ހެދުމާއި އިސްލާހު ކުރުމުގެ ބާރު އޮތީ ހަމައެކަނި ގާނޫނު ހަދާ ބާރަށް،" އިންތި ވިދާޅުވި އެވެ.
ޑިމޮކްރެޓްސް ޕާޓީން ކުރިން ވަނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ބަޔާނެއް ވެސް ނެރެފަ އެވެ. އަދި އެ އިސްލާހު ބާތިލް ކުރަން ކޯޓަށް ހުށަހަޅަން ތާއިދުކުރާ ކަން ވެސް އޭރު ހާމަކޮށްފައިވެ އެވެ.