އިންޑިއާގެ ސިނަމާތަކުގައި މިހާރު އަލުން އަޅުވާފައިވާ ފިލްމް "ސަނަމް ތޭރީ ކަސަމް"ގެ ދެވަނަ ބައިގެ މަސައްކަތް ފަށަން ސަޕޯޓަރުންނާއެކު މަގުމައްޗަށް ނުކުންނަން ވެސް ތައްޔާރަށް ހުރި ކަމަށް ފިލްމުގެ ލީޑު ހަރްޝްވަރްދަން ރާނޭ ބުނެފި އެވެ.
ހަރްޝް މިހެން ބުނެފައިވަނީ އެ ފިލްމަށް ލިބެމުން އަންނަ ކާމިޔާބީއާއެކު ފިލްމުގެ ދެވަނަ ބަޔަކަށް ގިނަ ބަޔަކު ޑިމާންޑް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
ހަރްޝް ބުނީ އެންމެ ފުރަތަމަ ކަމަކަށް އޭނާ ކުރީ ފިލްމު ސިނަމާތަކުގައި އަޅުވަން މަސައްކަތް ކުރުން ކަމަށާއި ދެން ފެންނާނީ ފިލްމުގެ ދެވަނަ ބަައަކަށް ޑިމާންޑް ކުރަން ޕްރޮޑިއުސަރު ދީޕަކް މުކުތުގެ ގޭގެ ކުރިމަތީގައި މުޒާހަރާ ކުރާ މަންޒަރު ކަމަށެވެ.
އެ ފިލްމުގެ ދެވަނަ ބައެއް ނެރޭނެ ކަމަށް ފިލްމުގެ ދެ ޑިރެކްޓަރުން މިދިޔަ އަހަރު އިއުލާން ކުރި ނަމަވެސް ދީޕަކްގެ ހުއްދައަކާ ނުލާ އެކަން ނުކުރެވޭނެ ކަމަށް ދީޕަކް ވަނީ ބުނެފަ އެވެ.
2015 ވަނަ އަހަރު އެންމެ ފުރަތަމަ ރިލީޒްކުރި "ސަނަމް ތޭރީ ކަސަމް" މި ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު އަލުން ރިލީޒް ކޮށްފައިވާއިރު އެ ފިލްމަށް އަންނަނީ ގިނަ ބައެއްގެ ލޯބި ލިބެމުންނެވެ.
ހަރްޝްގެ އިތުރުން ޕާކިސްތާނުގެ އެކްޓްރެސް މާވްރާ ހޮކޭން ލީޑު ރޯލުން ފެންނަ "ސަނަމް ތޭރީ ކަސަމް"އަކީ ލޯބީގެ ހިތްދަތި ވާހަކައެއް ދައްކުވައިދޭ ފިލްމެކެވެ.