އައްޑޫ ސިޓީގެ ގެއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ”ގާލެންޑް“ ނަމަކަށް ކިޔާ ގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލާފައިވާކަމަށެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު ރޭ ފަތިހު 05:11 ހާއިރު ލިބިފައިވާ ކަމަށެވެ. އެ ގޭގައި ރޯވެފައި ހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ހެނދުނު 08:05 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ގެއަކީ މީހުން ދިރިއުޅެމުން އައި ގެއެއް ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވިކަމުގެ މަޢުލޫމާތު ލިބިފައިނުވާކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައިވެ އެވެ.

އެނގިފައިވާ ގޮތުގައި އަލިފާން ރޯވީ ރައްޔިތުންގެ މަޖިލީހުގެ 17 ވަނަ ދައުރުގައި ހިތަދޫ މެދު ދާއިރާގެ މެންބަރުކަން ކުރެއްވި މުޙައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ދިރިއުޅުއްވާ ގޭގަ އެވެ.