ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާންއަކީ އެކްޓަރެއްގެ އިތުރުން ޕްރޮޑިއުސަރެއް ވެސްމެ އެވެ. އޭނާ ވަނީ އެކި ފިލްމުތަކަށް އޭނާގެ ޖީބުން ހަރަދު ކޮށްފަ އެވެ.

އެފަދަ އެއް ފިލްމަކީ 2017 ވަނަ އަހަރުގެ ފިލްމު "އިއްތިފާގު" އެވެ. އެ ފިލްމުގެ ޕްރޮޑިއުސަރު ރޭނޫ ޗޯޕްރާ ވަނީ ޝާހްރުކް ޚާންއާއެކު މަސައްކަތް ކުރުމުގެ ތަޖުރިބާ ކިޔައިދީފަ އެވެ.

ރޭނޫ ބުނީ އެ ފިލްމު އުފައްދަން އޭނާގެ އަތުގައި ފައިސާ ނެތް ވާހަކަ ބުނުމުން ލޯނެއްގެ ގޮތުގައި ފައިސާ ދިން ކަމަށާއި ފިލްމު ރިލީޒް ކުރުމަށްފަހު އެ ލޯނުގެ އިންޓަރެސްޓްގެ ގޮތުގައި އިތުރު އެއްވެސް އަދަދެއް ނަގާފައިނުވާ ކަމަށެވެ.

"ތިޔީ އަހަންނަށް ހަރާމް ކަމެއް. އެހެންވީމަ އަހަންނެއް ތި ބަލައެއް ނުގަންނާނަން،" ޝާހްރުކް ޚާން ބުނި ކަމަށް ރޭނޫ ބުނެފައިވެ އެވެ.

ރޭނޫ އިތުރަށް ބުނީ އެ ފިލްމަކީ އޭނާގެ ދަރިފުޅު އަބޭ ޗޯޕްރާގެ އެންމެ ފުރަތަމަ ފިލްމު ކަމަށާއި ޝާހްރުކް ޚާން އެއަށް ހަރަދުކުރީ ފިލްމުގެ އެއްވެސް ކަމެއް ބަލާވެސް ނުލާ ކަމަށެވެ.

ލޯނުތަކުން ނަގާ އިންޓަރެސްޓަކީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ރިބާގެ ތެރޭގައި ހިމެނޭ ކަމަކަށްވާއިރު، އިންޓަރެސްޓް ނެގުމަކީ އަދި ދިނުމަކީ ވެސް ހަރާމް ކަމެކެވެ.