ރޯދަ ހިފުމަކީ އަހަރުމެންގެ ހަށިގަނޑަށް އެތައް ގޮތަކުން ފައިދާ ކުރާ ކަމެކެވެ. ކެއިންބުއިމަށް ގެނެވޭ ބަދަލުތަކުން ޖިސްމާނީ ސިއްހަތަށް މަންފާ ކުރާއިރު ރޯދައިން ނަފްސާނީ ގިނަ ފައިދާތަކެއް ވެސް ލިބެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ރޯދަ ހިފުމުގެ ސަބަބުން އިންސާނާގެ ސިކުނޑިއަށް ބޮޑު ފަސޭހައެއް ލިބިގެންދެ އެވެ. ނިއުރޯސައިންޓިސްޓުން ހާމަކުރާ ގޮތުގައި ކެއުން މަދުކޮށްލުން ނުވަތަ ނުކައި ހުރުމުން ސިކުނޑީގެ ނާރުގެ ބަލިތަކުން ސަލާމަތްކޮށްދެ އެވެ.

ނަތީޖާއަކަށްވަނީ އަލްޒައިމާސް އާއި ޕާކިންސަންސްގެ ބަލިތަކުން ސަމަލާމަތް ކޮށްދިނުމެވެ. ހަމައެއާއެކު ކެއުމުގައި ހިފެހެއްޓުންތަކެއް ގެންގުޅުމުގެ ސަބަބުން ހަނދާން ގަދަވާ ކަމަށް ވެސް މާހިރުން ބުނެ އެވެ.

މީގެ އިތުރުން ރޯދައަށް ހުންނައިރު ހަށިގަނޑުގައި ހަކަތަ ދެމެހެއްޓުމަށް ދައުރުވާ ގްލައިކޮޖެން ނަމަކަށް ކިޔާ މާއްދާއެއްގެ ސަބަބުން މީހާގެ ތޫނުފިލިކަން އިތުރުވެ ކަންކަން ފަސޭހައިން ދަސްކުރުމާއި ނަގައިގަތުމަށް އެހީވެދެ އެވެ.

ހަމައެއާއެކު އަމިއްލަ ނަފްސަށް ކުރާ އިތުބާރާއި ޑިޕްރެޝަން ފަދަ މިހާރުގެ މުޖުތަމައުގައި އާއްމު ނަފްސާނީ ބަލިތަކަށް ވެސް ރޯދަ ހިފުމަކީ ފަރުވާ އެކެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު އެނގިގެންދަނީ ރޯދަ ހިފުމަކީ ހުރިހާ ގޮތަކުން ވެސް އަހަރުމެންނަށް ފައިދާ ކުރުވަނިވި ކަމެއް ކަމެވެ. ދީނުގައި ކަމެއް ފަރުޟު ކުރައްވާފައިވާ ނަމަ އެ ކަމުގެ ފަހަތުގައި ހިކުމަތްތަކެއް ވާނެކަން ޔަގީނެވެ.