އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާއި އިސްލާމިކް ކޯޕަރޭޝަން ޔޫތު ފޯރަމް (އައިސީވައިއެފް) އަދި ބަންގްލަދޭޝް ސަރުކާރާ ގުޅިގެން ބާއްވާ ބައިނަލްއަގުވާމީ ގުރުއާން މުބާރާތެއްގައި ރާއްޖެ ތަމްސީލްކުރާނެ ބައިވެރިއެއް ހޯދުމަށް އިއުލާންކޮށްފި އެވެ.

ގުރުއާނާ ބެހޭ މަރުކަޒުން ކޮށްފައިވާ އިއުލާނުގައި ބުނީ، މިދިޔަ މަހުގެ 24 އިން ފެށިގެން މެއި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި ބައިވެރިވުމުގެ ފުރަސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ. އަދި މިމުބާރާތުގައި ކޮންމެ ގައުމަކުންވެސް ބައިވެރިވުމުގެ ފުރުސަތު އޮތީ އެންމެ ފަރާތަކަށްކަމަށް މިނިސްޓްރީން ބުންޏެވެ.

މުބާރާތުގައި ބައިވެރިވާ ފަރާތަކީ ތަޖުވީދުގެ ހަމަތަކުގެ މަތިން ގުރުއާން ކިޔަވަން އެނގޭ މީހަކަށްވުން ލާޒިމެވެ.

މީގެ އިތުރުން އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޑިޖިޓަލް ޓެކްނޮލޮޖީއަށް ފަރިތަ މީހަކަށްވުމާއި، އިނގިރޭސި، އަރަބި ނުވަތަ ބެންގާލް ބަހުން ވާހަކަ ދައްކަން އިނގޭ މިހަކަށްވާން ޖެހެ އެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށެވެ.