އެމެރިކާގެ ޖާސޫސީ އިދާރާ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގައި ވަޒީފާ އަދާކުރުމަކީ އެގައުމުގެ ގިނަ ބަޔަކު ދެކޭ ހުވަފެނެކެވެ. ވާނީ ވެސް އެހެންތާ އެވެ. އެފްބީއައިގައި އުޅުމަކީ ޝަރަފުވެރި ކަމެކެވެ.

އެމެރިކާއަށް އުފަން އަދްނާން އެޑްރިއަން ވުޑް ސްމިތުގެ ވެސް ޅަފަތުގެ ހުވަފެނަކަށް ވީ ބޮޑުވެގެން އެފްބީއައިއަށް ވަނުމެވެ. އެ އިދާރާގެ ކަންކަމުގައި ދިރިއުޅުން ހޭދަ ކުރުމެވެ.

އެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި އޭނާއަށް ކުރަން ޖެހުނު އެއް ކަމަކީ އަރަބި ބަހާއި ފާރިސީ ބަސް ދަސް ކުރުމެވެ. އަރަބި ބަހުން މަތީ ތައުލީމު ހާސިލް ކުރުމަށްޓަކައި އޭނާ ކޮލެޖަކަށް ވަނެވެ.

އެންމެ ކުޑައިރުއްސުރެ ނަސާރާ ދީނަށް އުޅެމުން އައި އަދްނާންއަށް އިސްލާމް ދީން ތައާރަފްވީ އެ ދުވަސްވަރު އެވެ. އޭނާ ބުނާ ގޮތުގައި އިސްލާމް ދީނުގެ އެންމެ ޝައުގުވެރި ކަމަކަށް އޭނާއަށް ވީ ބަންގީގެ އަޑެވެ.

ކޮލެޖުގައި އުޅެމުން މަޑުމަޑުން އިސްލާމް ދީނުގެ ކަންކަން ދަސްކޮށް ނަމާދު ވެސް ކުރަން ފެށީ އިސްލާމްވުމުގެ ނިޔަތުގައި ނޫން ކަމަށް އަދްނާން ބުންޏެވެ. އެހެން ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ އޭނާގެ ދިރިއުޅުން ބިނާކުރެވިފައިވަނީ އިސްލާމީ އުސޫލުތަކުގެ މައްޗަށް ކަން ދެނެގަނެވި އިސްލާމްވީ ކަމަށް އަދްނާން ބުނެ އެވެ.

https://www.youtube.com/watch?v=GEEZTI6deOA

ކޮލެޖު ނިންމުމަށްފަހު އެފްބީއައި އަށް ވަންނަންޖެހޭ ހުރިހާ އިމްތިހާނުތަކެއް ވެސް އޭނާ ހެދީ މުސްލިމެއްގެ ގޮތުގައި ހުރެ އެވެ. އިސާހިތަކު އޭނާގެ ހުވަފެނީ ވަޒީފާ ލިބި އެކަމުގައި އުޅެން ފެށި އެވެ.

ނަމަވެސް އެހާ ހިސާބުން އޭނާއަށް އެނގުނީ އެފްބީއައިގައި އުޅުމަކީ އޭނާގެ އިސްލާމީ ވިސްނުމާއި ފިކުރާ ފުށުއަރާ ކަމެއް ކަމެވެ. އެހެން ކަމުން އޭނާގެ ބަފައިބެގެ މަޝްވަރާއާވެސް އެކު އެފްބީއައިއިން ވަކިވި އެވެ.

އެފްބީއައިގައި އުޅެމުން ވެސް ގުރުއާން ކިޔަވައިދިނުމަށްޓަކައި ބޭނުންވާ ހުއްދަތައް ވޮޝިންޓަންގެ އިސްލާމިކް ސޮސައިޓީއިން ނަގައި އިސްލާމް ދީނުގެ ހޭލުންތެރިކަން އިތުރު ކުރަން އޭނާ މަސައްކަތް ކުރި އެވެ.

އެހެން ނަމަވެސް އެފްބީއައި ދޫކޮށްލުމަށްފަހު އަދްނާނުގެ ހުރިހާ ވަގުތެއް އެކަމަށް ހުސްކޮށް އޭނާ މިހާރު ދިރިއުޅެމުން އަންނަ ރޯޑް އައިލެންޑްގެ މިސްކިތުގެ އިމާމެއްގެ ވަޒީފާއާ ގުޅުނެވެ.

މިހާރު އަދްނާންއަކީ ރޯޑް އައިލެންޑްގައި ދިރިއުޅޭ މުސްލިމުންނާއެކު އިމާމުވެ ނަމާދުކުރާ މުދިމެވެ. އިސްލާމް ދީނުގެ ހޭލުންތެރިކަން އިތުރުކުރަން މަސައްކަތްކުރާ މީހެކެވެ.

އަދްނާން ބުނާ ގޮތުގައި އޭނާއަށް ލިބުނު އެންމެ ބޮޑު އުފަލަކީ އޭނާގެ އަތްމައްޗަށް އޭނާގެ މާމަ ވެސް އިސްލާމް ދީނުގެ ހިދާޔަތު ބަލައިގަތުމެވެ.