ހުދު ކުލައިގެ ކައިވެނި ހެދުމަކާއެކު ފޮޅިފައި އިން މަލެއްހެން މަލަކާ ހުރީ، އަޅި ކުލައިގެ ސޫޓެއްގައި ހުރި އަލީމްގެ އަތުގައި ހިފަހައްޓައިގެންނެވެ. ދެމީހުންގެ މޫނު މަތިން ފެންނަން ހުރީ އުފާވެރިކަމާއި އުންމީދާއި މުސްތަގުބަލަށްޓަކައި ދެކޭ ފޮނި ހުވަފެންތަކުގެ އުޖާލާކަމެވެ. ވެއްޓިގެން އައި ފެންތިއްކެއް އަލީމްގެ ހިނިތުންވެފައި ހުރި މޫނުގައި ޖެހުމާއެކު މަލަކާ ދިޔައީ ސިއްސައިގެންނެވެ. އެވަގުތު ކައިރީގައި އޮތް ފޯނު ރިންގް ވާންފެށިއެވެ. ފޯނުގެ ސްކްރީނަށް ބަލާލިއެވެ. މަލަކާގެ ބޭބެގެ މޫނު އެ ސްކްރީނުގައި ދިއްލިފައި ހުއްޓެވެ. މަލަކާ ބަލާލީ އަތުގައި އޮތް ފޮޓޯގަނޑަށެވެ. އޭނާގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ފޮޓޯގައި ހުރި އަލީމްގެ މޫނުގައި ޖެހުނު ގޮތަށް އެމޫނުގެ ކުލަ ފޭދެމުން ދިޔައެވެ. ވަގުތުތަކެއް ނަގާނުލާ ފޮޓޯގަނޑު މެދުން ވީދާލައި އެއްފަޅި މޭޒު މަތީގައި ބޭއްވުމަށްފަހު އަލީމް ހުރިފަޅި ބޮނޑި ކޮށްފައި ވަށިގަނޑަށް ވައްޓާލިއެވެ.
"ހަލޯ" ފޯނުނަގަމުން ކުރަކި އަޑަކުން މަލަކާ ބުންޏެވެ.
"އިރު ކޮޅަކުން ޓެކްސީ ދާނެ. ބޭބެ ދާނީ ސައިކަލުގައި" މަލަކާ އަށް އެއީ އަމުރެކެވެ. ނުވަތަ މަގު ދެއްކުމެވެ. ހަދާނެ ނަހަދާނެ ގޮތެއް ނޭނގޭވަރަށް، ގަބުވެފައި އޮތް އޭނާގެ ސިކުނޑިއަށް ބޭނުން ވަނީ އެގޮތެވެ. ހަދަން ވީ ގޮތް ބުނެދިނުމެވެ. ކުރަންވީ ކަންތަކާއި އަޅަންވީ ފިޔަވަޅެވެ. އެ ޒިންމާ ނަގާނެ މީހަކު ހުރުމުގެ މުހިންމުކަން މިވަގުތު މަލަކާއަށް ވިސްނެއެވެ.
ފޯނު ބޭއްވުމަށްފަހު މަލަކާ ހުއްޓުނީ ލޯގަނޑުގެ ކުރިމައްޗަށެވެ. ހަމަ އިސްކޮޅަށް ފެންނަން ހުރި އޭނާގެ ސޫރައިގައި ހުރީ ބީރަށްޓެހި ގޮތެކެވެ. ޖިންސާއި ޓޮޕްލުމަށް އާދަވެފައިވާ މަލަކާ މިއަދު ބޭނުންވީ ތަފާތުގޮތަކަށް ހެދުން އަޅާށެވެ. ކަކުލުން ތިރިޔަށް ހުރި އޮރެންޖު ކުލައިގެ ހެދުމެއް ޚިޔާރުކުރީ ވީހާވެސް ދުރު މާޒީއަކަށް ވިސްނުން ގެންދިއުމުގެ ބޭނުމުގައެވެ. ހެދުމުން ސިފަވާ އޯޓަމްގެ ފަތްތަކުގެ ކުލަތަކާ މަލަކާގެ މޫނުގެ މޭކަޕް ރީތިކޮށް ގުޅެއެވެ. ކުޑަކޮށް ބުޅިކޮށް އޮންނަ އޭނާގެ އިސްތަށިގަނޑު މިއަދު އޮތީ އެއްކޮށް ފަންކޮށްފައެވެ. އިސްތަށިގަނޑުގެ އެ ސިފައިން މަލަކާގެ ހިމަ ދިގު މޫނުގެ ލޫޅާފަތިތިކަން އިތުރުވެއެވެ.
ލޮލުގައި ހުރި ކަރުނައިގެ އަސަރު ފޮހެލުމަށްފަހު ބޭރަށް ނިކުންނަން ފޯނު ނެގި ވަގުތު އަނެއްކާވެސް ފޯނު ރިންގުވާން ފެށިއެވެ. އެއީ އާމިރުގެ ކޯލެކެވެ. އެފޯނަށް ޖަވާބު ދިނުމަކީ މަލަކާ ބޭނުންވާ ކަމެއް ނޫނެވެ. އާމިރަކީ އެއް ދުވަސްވަރެއްގައި އަލީމްގެ ގާތް ރައްޓެއްސެކެވެ. އަލީމްގެ ހަޔާތަށް އައި ބަދަލުތަކާއެކު މަލަކާ ހޭދަކުރަން ޖެހުނު ދަތި އުނދަގޫ ހަޔާތުގައި އާމިރުގެ އެހީތެރިކަން ލިބޭނެކަމުގައި މަލަކާ އުންމީދު ކުރިއެވެ. އެހެނަސް ކަންވީގޮތުން އާމިރުގެ މަތިން ފޫހިވީއެވެ.
އެންމެ ފަހުގެ ތައްޔާރީތަކަށް ފަހު މޭޒު މަތީގައި އޮތް އަތް ދަބަސް ނަގައިގެން ކޮޓަރިން ނިކުތެވެ. އޭރު މަލަކާގެ ހިތް އޮތީ ބާރަށް ތެޅިތެޅިއެވެ. އެހިތުގައި ޖަހާ ކޮންމެ ވިންދެއް ގުޅިފައި ވަނީ ފާއިތުވެދިޔަ ފަސް އަހަރު ދުވަހު މަލަކާގެ ހަޔާތަށް އައި އަޑިގުޑަން ދުވަސްތަކާއެވެ.
މެލޭޝިއާގައި ބިޒިނަސް މެނޭޖްމެންޓް ހަދައި ނިންމުމަށްފަހު މަލަކާ ބޭނުންވީ އެދާއިރާއިން އިތުރަށް ކިޔަވާށެވެ. އެފުރުސަތު ފަހިކޮށްދިނުމުގައި މަލަކާގެ މައިންބަފައިންގެ އެއްބާރުލުން ވަރަށްބޮޑެވެ. ޚާއްސަކޮށް ބޭބެގެއެވެ. މަލަކާ ކިޔަވަން ބޭނުންވީ ލަންޑަނުންނެވެ. ބޭނުންވިގޮތަށް ކަންތައް ހަމަ ޖެހުނެވެ. އެ ދުވަސްވަރަކީ އެމެރިކާގައި އަލީމް ފުރިހަމަކުރަމުން އައި ޕައިލޮޓް ކޯސް ނިމުނު ދުވަސްވަރެވެ. އަލީމާއި މަލަކާ ދިމާވީ ސޯޝަލް މީޑިއާގެ ތެރެއިންނެވެ. ފުރަތަމަ ދުވަހުން ފެށިގެން މަލަކާގެ ހިތް އަލީފަށް ދަމަމުން ދިޔައެވެ. އަލީފުގެ ސަކަ މިޒާޖާއި ލާނެއް ދިމާކުރުމުގެ ފަހަތުގައި ހުރި ދަމައިގަންނަ ބާރުން މަލަކާގެ ހިތަށް އަމިއްލަ ބާރު ނުފޯރުވުނީއެވެ.
ލަންޑަނުގައި މަލަކާ ހޭދަކުރި އަހަރު ދުވަހުގެ ތެރޭގައި ދެފަހަރު އަލީމް ލަންޑަނަށް ދިޔައެވެ. ޒުވާން ދެހިތުގައި އުތުރެމުން ދިޔަ ލޯބީގެ ޖަޒުބާތުތައް ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ. މައްސަލައެއް ޖެހިދާނެ އެއްވެސް ސަބަބެއް ނެތެވެ. މަލަކާގެ ކިޔެވުން ނިމުމާއެކު ދެމީހުންގެ ކައިވެނި ކުރީ ކުލަގަދަ ރަސްމިއްޔާތަކާއެކުގައެވެ.
ކައިވެންޏަށް ފަހު މަލަކާ އާއި އަލީމް އުޅެމުން ދިޔައީ ހުޅުމާލޭގެ އެޕާޓްމެންޓެއްގައެވެ. އަލީފަކީ ޕައިލެޓެކެވެ. މަލަކާ ވަޒީފާއަށް ނިކުތީ ޓޫރިޒަމް މިނިސްޓްރީއަށެވެ. އެމިނިސްޓްރީގައި ތަފާތު މަގާމުތައް ފުރަމުން ގޮސް ވަރަށް ކުޑަދުވަސް ކޮޅެއްގެ ތެރޭގައި އޮފީހުގެ އެންމެ އިސް ސަފަށް މަލަކާ ދިޔައެވެ. އެންމެ ފަހުން އޮފީހުގެ ޕާމަނެންޓް ސެކެރެޓެރީގެ މަގާމު ހުސްވުމާއެކު އެމަގާމަށް މަލަކާ ކުރިމަތިލީ އޮފީހުގެ ވެރިންނާއި ރައީސް އޮފީހުގެ ވެސް ލަފަޔާ އެކީގައެވެ.
އޭރު އަލީމާއި މަލަކާގެ އަމިއްލަ އެޕާޓްމެންޓެއް ގަނެ ދިރިއުޅުން އޮތީ ކުރިޔަށް ގެންގޮސްފައެވެ. އެ އުފާވެރި ހަޔާތަށް ހިޔަނި އެޅެން ފެށީ އަލީމްގެ ދިރިއުޅުމަށް އަންނަމުން ދިޔަ ބަދަލުތަކެއްގެ ސަބަބުންނެވެ.
އަލީމް ގޭގައި ހޭދަކުރާ ވަގުތު މަދުވެ ރައްޓެހިންނާއެކު ކޮފީގައި އުޅެން ފެށިފަހުން މަލަކާ ސުވާލުކުރެއެވެ. އަންނަމުން ދިޔަ ބަދަލުތައް ފެންނާތީއެވެ. އެކަމަކު އެ ސުވާލުތަކަށް އަލީމު އަންނަނީ ރުޅިއެވެ. މިޒާޖު ރަނގަޅަށް ހުންނަ ވަގުތަކީ މަދު ވަގުތެކެވެ. އަލީމަށް އަންނަމުން ދިޔަ ބަދަލުތައް އެންމެ ބޮޑަށް ގުޅުވާލެވެނީ މަސްތުވާތަކެއްޗާއެވެ. އެ ޝައްކުކުރެވުނަސް އެވާހަކަ އަލީމާ ދެއްކޭކަށް ނެތެވެ. ހާލަތު ގޯސްވަމުން ގޮސް އެންމެ ފަހުން އަލީމްގެ ވަޒީފާ ވެސް ގެއްލުނީއެވެ.
ޖެހެމުން ދިޔަ މައްސަލަތަކަށް ހައްލެއް ނައިސް ޒަވާޖީ ހަޔާތެއް ހޭދަކުރެވޭ ވަރަށްވުރެ އަލީމްގެ ހާލަތު ދަށަށް ދިޔައީއެވެ. ހިތާ ދެކޮޅަށް ނަމަވެސް ވަރިވާން ފޯމްލުމަށް މަލަކާއަށް މަޖުބޫރުވީ އެނޫން އެހެން ގޮތެއް ނެތްކަން ރައްޓެހިންނާއި އާއިލާގެ އެނެމެނަށް ވެސް ޔަގީންވުމުންނެވެ.
ޓެކްސީގައި ދިޔައިރުވެސް ދެތިން ފަހަރު އާމިރުގެ ކޯލް މަލަކާގެ ފޯނަށް އައެވެ. މަލަކާ އެކަމަކާ އަޅައެއް ނުލިއެވެ. ދެން އައީ އައިސްގެން ނުވާނެ ކޯލެކެވެ. އޮފީހުގައި ހުންނަ މަލަކާގެ ޕާސަނަލް ފޯނުން އައި ކޯލެވެ. އެ ފޯނަކީ މަލަކާ ނޫން މީހަކު ބޭނުންކުރާނެ ފޯނެއް ނޫނެވެ. މަލަކާ އޮފީހުގައި ނެތްނަމަ މަލަކާގެ ކެބިންއަށް މީހަކު ނުވަންނާނެއެވެ. ވަނަސް މަލަކާގެ ފޯނަކުން ފޯނެއް ނުކުރާނެއެވެ. އެހެންކަމުން އެކޯލު އެއައީ ކިހިނެތްތޯ ވިސްނާލަން މަލަކާއަށް ޖެހުނެވެ. ކޮންމެ ގޮތަކުން އައި ކޯލެއްކަމުގައި ވިޔަސް މަލަކާ ދުށީ އެ ފޯނު ކޯލަށް ޖަވާބު ދޭން ޖެހޭނެ ކަމުގައެވެ.
ތެޅި ތެޅި އޮތް ހިތަކާއެކު މަލަކާ ފޯނު ނެގިއެވެ. އަނގައިން އެއްޗެއް ބުނުމުގެ ބަދަލުގައި އަނެއް ކޮޅުން ދެއްކި ވާހަކަތައް އަޑު އަހަން ހުރީއެވެ. ދެއްކިހާ ވާހަކައެއް އަޑު އެހުމަށްފަހު ފޯނު ބާއްވާފިއެވެ. ފޯނު ކުރީ އާމިރެވެ. އާމިރަކީ ރައީސް އޮފީހުގެ ނުފޫޒު ގަދަ ވެރިއެކެވެ. ރައީސްގެ ވަރަށް އަރިސް ބޭފުޅެކެވެ. އެހެންކަމުން ސަރުކާރުގެ އޮފީސްތަކުގެ ތެރެއިން ބޭނުން އޮފީހަކަށް ވަދެ ނިކުމެ ހެދުމަކީ އާމިރަށް ދަތި ކަމެއް ނޫނެވެ. އާމިރުގެ ވާހަކައަކީ މަލަކާގެ މަގާމުގެ މުއްދަތު ހަމަވާން ކައިރިވެފައި އޮތުމާއެކު ދެން ހަދާނެ ގޮތަކާމެދު މަޝްވަރާކުރުމެވެ. ހަގީގަތުގައި ވެގެން އުޅޭގޮތް މަލަކާ އަށް އެނގެއެވެ. އެހެންކަމުން އެވާހަކަ ދައްކަން މަލަކާ ބޭނުން ނުވަނީ އެވެ.
ފެމިލީ ކޯޓާ ހަމަޔަށް ޓެކްސީއަށް ދެވުނުއިރު މަލަކާގެ ހިތް ބާރަށް ތެޅެނީއެވެ. އެއީ ދުވަހަކު ވެސް އޭނާ ދާން ބޭނުންވި ތަނެއް ނޫނެވެ. ޓެކްސީއިން ފޭބިއިރު ކައިރީގައި ބޭބެ ހުއްޓެވެ. އެއީ އޭނާއަށް މިވަގުތު ލިބުނު ހިތްވަރެކެވެ. ކާރުން ފައިބައިގެން ބޭބެގެ ފަހަތުން ހިނގައިގައި ވަގުތު މަލަކާއަށް ފެނުނީ ކޯޓުގެ ދޮރުން ވަންނަން ހިނގާފައި ދިޔަ އަލީމަށެވެ. ކިތަންމެ ބަލަން ބޭނުން ނުވިކަމުގައި ވިޔަސް އަލީމުގެ މޫނަށް މަލަކާއަށް ބެލުނެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވިއެވެ. ދެމީހުންވެސް އިސް ޖަހައިގެން ގޮސް ކޯޓުގެ ދޮރުން ވަނީއެވެ. (ނުނިމޭ)