ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި ފާޅުގައި ފެން ބޮއެ ރޯދަ ނުހިފާކަން ދެއްކި އިންޑިއާގެ ކްރިކެޓް ކުޅުންތެރިޔާ މުހައްމަދު ޝާމީގެ ދިފާއުގައި ބޮލީވުޑްގެ ޅެންވެރިޔާ ޖާވިދު އަޚްތަރު ނުކުމެއްޖެ އެވެ.
ޖާވިދު އޭނާގެ އެކްސް އެކައުންޓްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހޫނު ދުވަހެއްގެ މެންދުރު ފެން ބުއިމުން އޭނާއަށް ފާޑުކިޔާ މީހުންގެ ވާހަކަތަކަށް ސަމާލުކަން ނުދިނުމަށެވެ.
މީގެ ދެ ތިން ދުވަސް ކުރިން ދުބާއީގައި އޮތް ޗެމްޕިއަންސް ޓްރޮފީގެ ސެމީ ފައިނަލްގައި އޮސްޓްރޭލިއާއާއެކު ކުޅުނު މެޗުގެ ތެރެއިން ޝާމީ ވަނީ ފާޅުގައި ފެން ބޮއެފަ އެވެ.
އެއަށްފަހު ޝާމީއަށް އިންޑިއާގެ މުސްލިމުންނާއި މުސްލިމް ޖަމާއަތްތަކުން ފާޑުކިޔަން ފަށާފައިވާއިރު އޭނާ ވަނީ އެކަމުގައި ހޫނު ފެނަށް ވެއްޓިފަ އެވެ.
އޯލް އިންޑިއާ މުސްލިމް ޖަމާއަތުގެ މައުލާނާއެއް ބުނެފައިވަނީ ޝާމީ މެޗު ކުޅެމުން އެނގެނީ އޭނާގެ ސިއްހަތު ރަނގަޅުކަން ކަމަށާއި އެހެން ކަމުން ރޯދަ ހިފުމަކީ އޭނާގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ.
އެހެން ނަމަވެސް ފާޅުގައި ފެން ބުއިމުން ޝަރީއަތުގެ ނަޒަރުގައި އޭނާއަކީ ކުށްވެރިއެއް ކަމަށާއި އެއީ އޭނާއަށް ސަޕޯޓުކުރާ މުސްލިމުންނަށް ދެއްކި ގޯސް މިސާލެއް ކަމަށް ވެސް މައުލާނާ ބުނެފައިވެ އެވެ.
ޖާވިދުއަކީ މުސްލިމް އާއިލާއަކަށް އުފަންވި ނަމަވެސް އެއްވެސް ދީނެއް ގަބޫލު ނުކުރާ އެތީސްޓެއްގެ ގޮތުގައި އޭނާގެ އަމިއްލަ ނަފްސު ސިފަކުރާ މީހެކެވެ.