ރާއްޖޭގައި މަތީ ސާނަވީ ތައުލީމު ހާސިލްކުރާ ދަރިވަރުން ބައިވެރިވާ އެޑެކްސެލް އޭލެވެލް އިމްތިހާން އަންނަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ އޭލެވެލް އަދި އޭއެސް އިމްތިހާން އަންނަ މަހު ފަށާގޮތަށް އިމްތިހާން އިންތިޒާމްކުރާ އިނގިރޭސިވިލާތުގެ ޕިއާސަންއިން ނިންމާފައިވާ ކަމަށެވެ. އަދި އެ ބަދަލަކީ މިނިސްޓްރީއާއި ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންއާ މަޝްވަރާކުރުމެއް ނެތި ނިންމާފައިވާ ނިންމުމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އިމްތިހާން ބާއްވާ ތާރީހަށް ބަދަލު ގެނެސް ނިންމި ނިންމުމަށް ބަދަލެއް ގެނެވޭތޯ އެޑެކްސެލްއާއެކު މަޝްވަރާ ކުރެވިފައިވާ ކަމަށާއި، އެހެން ނަމަވެސް މިކަމުގައި އެއްވެސް އަލިމަގެއް ފެނިފައި ނުވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އިމްތިހާނުގެ ތާރީހަށް ގެނެވުނު މިބަދަލާއެކު އެޗްއެސްސީ އިމްތިހާން ދެން އޮންނާނީ އޭއެސް އައި އޭލެވެލް އިމްތިހާން ނިމުމަށްފަހު އެއް މަސް ފަހުން ޖޫން 13 އިން 17ގެ ނިޔަލަށެވެ.

މުޅި ދުނިޔެ ހުއްޓުމަކަށް ގެނުވާފައިވާ ކޮވިޑްގެ ސަބަބުން އެޑެކްސެލްގެ މިއަހަރުގެ މޭ / ޖޫން އިމްތިހާން ނުބާއްވާގޮތަށް ނިންމައި ފެބްރުއަރީ މަހު ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް މިނިންމުމުގެ ސަބަބުން ގިނަ އަދަދެއްގެ ދަރިވަރުންނަށް ގެއްލުންވާނެކަމުން އެޑެކްސެލްއާ މަޝްވަރާކުރެވި، މިމަހުގެ ކުރީކޮޅު އަނެއްކާވެސް ކުރިއެކޭ އެއްގޮތަށް އިމްތިހާން އޮންނާނެ ކަމަށް ވަނީ އިއުލާން ކޮށްފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިފަހަރުގެ އެޑެކްސެލް އިމްތިހާނުގައި ރާއްޖެއިން 1،529 ދަރިވަރުން ބައިވެރިވާނެ ކަމަށެވެ.