ރަމަޟާން މަހު މުސްލިމުންގެ މެދުގައި އެންމެ އާއްމު ކެއުމަކަށް ވާނީ ހަމަ ގައިމުވެސް ކަދުރެވެ. ރަމަޟާން މަހާ ދިމާކޮށް ދުނިޔޭގެ ބާޒާރުގައި ކަދުރުގެ ޑިމާންޑް އިތުރުވެ އެވެ.

ކަދުރުން ރަމަޟާން މަހުގެ ރޯދަ ވީއްލުމަކީ ކީރިތި ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމްގެ މަތިވެރި ސުންނަތަކަށް ވީތީ އެކަމަށް އަމަލު ކުރުމަށް މުސްލިމުން ހާއްސަ ސަމާލުކަމެއްދެ އެވެ.

ކަދުރަކީ ހިއްކައިގެންނާއި ރޯ މޭވާގެ ގޮތުގައި ވެސް ސިއްހަތަށް ފައިދާހުރި ކެއުމެކެވެ. އެގޮތުން ކަދުރުގައި އެކުލެވޭ ގުދުރަތީ ހަކުރާއި ފައިބާގެ ސަބަބުން ރޯދައަށް ހުރުމަށްފަހު ހަށިގަނޑަށް ހަކަތަ ލިއްބައިދެ އެވެ.

ކަދުރު ރުކުގެ އަންހެން ރުކާއި ފިރިހެން ގަސް ހުންނައިރު މޭވާ އަޅަނީ ހަމައެކަނި އަންހެން ރުކުގައި ކަމަށް ސައިންސްވެރިން ބުނެ އެވެ.

ރަނގަޅަށް ބަލަހައްޓައި ގެންގުޅެވިއްޖެނަމަ ކަދުރު ރުކެއްގެ އުމުރު ގަރުނަކަށްވުރެ ދިިގުވާއިރު ކޮންމެ ކަދުރު މޫސުމެއްގައި 100 ކިލޯގެ ކަދުރު އުފެއްދުމުގެ ގާބިލުކަން ކަދުރު ރުކަށް ލިބިގެންވެ އެވެ.

ކަދުރުގެ ތަފާތު ގިނަ ބާވަތްތަކެއް ބާޒާރުގައި ލިބެން ހުންނައިރު މުސްލިމުންގެ މެދުގައި އެންމެ މަގުބޫލު އަދި ދުނިޔޭގެ އެންމެ އަގުބޮޑު ކަދުރަކީ ސައޫދީ އަރަބިއާގެ މަދީނާގައި ހައްދާ އަޖްވާ ކަދުރެވެ.

އާއްމުކޮށް މެދުއިރުމަތީގެ ގައުމުތަކުގައި ކަދުރު ހައްދާއިރު ދުނިޔޭގައި އެންމެ ގިނައިން ކަދުރު އުފައްދާ ގައުމަކީ މިސްރެވެ. ދުނިޔޭގައި އުފައްދާ ކަދުރުގެ 20 ޕަސެންޓް އެގައުމުން އުފައްދާއިރު 17 ޕަސެންޓާއެކު ދެވަނައިގައި އޮތީ ސައޫދީ އަރަބިއާ އެވެ.

ކޮންމެއަކަސް ކަދުރު ވެފައިވަނީ މުސްލިމުންގެ އެންމެ ބަރަކާތްތެރި މައްސަރުގެ ރަމްޒަކަށެވެ. ކަދުރާ ނުލާ ރަމަޟާން މަސް ފުރިހަމައެއް ނުވާނެ އެވެ.