އޭޕްރީލް 3 ވަނަ ދުވަހަކީވެސް ބަންދު ދުވަހެއް ކަމުގައި ސަރުކާރުން ކަނޑައަޅައިފި އެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައި ބުނީ މި އަހަރުގެ ފިތުރު އީދު ދުވަހަކީ މިހާރު ކަލަންޑަރުގައިވާ ގޮތުގެ މަތިން، މާޗު މަހުގެ 31 ވާ ހޯމަ ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅައި އިއުލާނުކޮށްފި ނަމަ، އީދު ބަންދުގެ ތިން ދުވަސް (މާޗު 31، އެޕްރީލް 1، އަދި 2) އާއެކު، އެޕްރީލް 3 ވާ ބުރާސްފަތި ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅަން ނިންމާފައިވާ ކަމަށެވެ.
ހިނގަމުން މިދާ މަހުގެ 29 ވާ ހޮނިހިރު ދުވަހުގެ ރޭ ޝައްވާލް މަހުގެ ހަނދު ސާބިތުވެ، މާޗު މަހުގެ 30 ވާ އާދީއްތަ ދުވަހަކީ އީދު ދުވަސް ކަމަށް އެ މިނިސްޓްރީން ކަނޑައަޅައިފި ނަމަ، އީދު ބަންދުގެ ތިން ދުވަސް (މާޗު 30، 31 އަދި އެޕްރީލް 1) އަށް ފަހު އެޕްރީލް 2 ވާ ބުދަ ދުވަހާ އަދި އެޕްރީލް 3 ވާ ބުރާސްފަތި ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެގޮތަށް ހަމަޖެއްސީ ފިތުރު އީދުގެ ބަންދާ ގުޅިގެން އާއިލާ އާއެކު ވީހާވެސް ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މެދުނުކެނޑޭހެން ބަންދު ދުވަސްތަކެއް މުވައްޒަފުންނަށް ލިބޭ ގޮތަށް ހަމަޖައްސައިދިނުމަށް ކަމުގައި ރައީސް އޮފީހުން ބުންޏެވެ.
މިއާއެކު ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ އަންނަ އެޕްރީލް މަހުގެ 6 ވާ އާދީއްތަ ދުވަހު ކަމަށް ވެސް އެ އޮފީހުގެ ދެންނެވުމުގައި ވެ އެވެ.