މިހާރަކަށް އައިސް މުޅި ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނީ ކާޓޫނު ސްޓައިލަށް ކުރަހާފައިވާ ފޮޓޯތަކެކެވެ. އަސްލު ފޮޓޯތަކާ ދާދި އެއްގޮތަށް ހުންނަ އެ ފޮޓޯތަކުން ފޭސްބުކްއާއި އިންސްޓަގްރާމް މިވަނީ ފުރާލާފަ އެވެ.

މިއީ އޯޕަން ޗެޓް ޖީޕީޓީގެ އާ ފީޗާއެއް ކަމަށްވާ ގިބްލި އާޓް ސްޓޫޑިއޯއިން އުފައްދާފައިވާ ފޮޓޯތަކެކެވެ. އެ ފީޗާ މެދުވެރިކޮށް ފޮޓޯއެއް އަޕްލޯޑް ކުރުމުން އެ ފޮޓޯގެ ކާޓޫން ވާޝަންއެއް ނުވަތަ "ގިބްލި އާޓް"އެއް އުފައްދަ އެވެ.

ގިބްލި އާޓް ފޮޓޯއަކާއި އޭގެ އަސްލު

މިދިޔަ ބުދަ ދުވަހު ތައާރަފް ކުރެވުނު އެ ފީޗާއާއެކު ގިނަ ބަޔަކު އަންނަނީ އެމީހުންގެ އާއިލާއާއި ރަހުމަތްތެރިންނާއެކު ނަގާފައިވާ ފޮޓޯތަކުގެ ގިބްލި އާޓް ޖެނެރޭޓް ކުރަމުންނެވެ.

އެއާއެކު މަޝްހޫރު މީމް ފޮޓޯތަކާއި ބޮލީވުޑް އަދި ހޮލީވުޑް ފިލްމުތަކުގެ މަންޒަރުތަކުގެ ގިބްލި އާޓް ވެސް ދާދި އަވަހަށް ދައުރުވާން ފެށި އެވެ.

މީގެ އިތުރުން ބައެއް ވިޔަފާރި ބްރޭންޑްތަކުން ވެސް ވަނީީ އާއްމުންގެ ސަމާލުކަން ހޯދުމަށްޓަކައި ފިސާރި އަވަހަށް މި ފީޗާ ބޭނުން ކޮށްގެން އެމީހުންގެ އުފެއްދުންތައް އިޝްތިހާރު ކުރަން ފަށައިފަ އެވެ.

ބޮލީވުޑްގެ މަޝްހޫރު ބައެއް މަންޒަރުތައް ގިބްލި އާޓް އަށް ބަދަލު ކުރެވިފައި

ޖަޕާނުގެ މަޝްހޫރު އެނިމޭޝަން ސްޓޫޑިއޯއެއް ކަމަށްވާ "ސްޓޫޑިއޯ ގިބްލި"އިން އުފައްދާ އެނިމޭޝަން ސްޓައިލް އަސްލަކަށް ބަލައިގެން އުފައްދާފައިވާ ގިބްލި އާޓް ފީޗާއަށް އިންޓަނެޓްގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

މި ފީޗާ ބޭނުން ކުރެވޭނީ ޗެޓް ޖީޕީޓީގެ "ޕެއިޑް ޕެކޭޖް"އަށް ސަބްސްކްރައިބް ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އެހެން ކަމުން މިފަހަކަށް އައިސް ޗެޓް ޖީޕީޓީއަށް ވެސް ވަނީ ވަރަށް ޑިމާންޑް ބޮޑުވެފަ އެވެ.