ރަމަޟާން މަހަކީ އަހަރުމެންގެ ދިރިއުޅުމަށް ވަރަށް ބޮޑު ބަދަލުތަކެއް އަންނަ މައްސަރެކެވެ. ކެއިން ބުއިމާއި އެނޫން ވެސް ގޮތްގޮތުންނެވެ.

އެހެން ކަމުން ރަމަޟާން މަސް ނިމި އާއްމު ދިރިއުޅުމަށް އެނބުރި ދާއިރު ކުރީގެ ދިރިއުޅުމަށް ސިކުނޑިއާއި ހަށިގަނޑު ހޭނުވުމަކީ މުހިއްމު ކަމެކެވެ. އެހެނީ ނަފްސާނީ އަދި ޖިސްމާނީ ސިއްހަތަށް ރޯދަމަހަށްފަހު ބަދަލުތަކެއް އަންނާނެ އެވެ.

އެއްފަހަރާ ހުރިހާ ބަދަލުތަކެއް ގެންނަން ނޫޅުމަކީ މުހިއްމު ކަމެކެވެ. މެދުނުކެނޑި 30 ދުވަހު ވަކި ގޮތަކަށް ދިރިއުޅުން ބައްޓަންވެފައި އޮތުމަށްފަހު ކުއްލިއަކަށް ބަދަލުތައް ގެންނަން އުނދަގޫވާނެ އެވެ. އެހެން ކަމުން ހަށިގަނޑަށް ވަގުތު ދޭށެވެ.

އެންމެ ފުރަތަމަ ކަމަކަށް ރަމަޟާން މަހު އަހަރުމެންގެ ނިދުމުގެ އާދަތަކަށް ބޮޑު ބަދަލުތަކެއް އާދެ އެވެ. ހާރުދަމުގެ ކެއުމަށް ވަންދެން ހޭލާ ތިބޭ ތިބުން ނިމި އާދައިގެ ހާލަތަށް އެނބުރި އަންނައިރު ނިދި ހަމަޖައްސާލުމަށް ހަފްތާއެއްހާ ދުވަސް ދިނުން މުހިއްމެވެ.

އެއަށްފަހު ކާބޯތަކެތި ބޭނުން ކުރުމުގައިވެސް ހިޔާރު ކުރަންވާނީ މެދު މިނެވެ. ދުވާލުގެ ވަގުތު ކެއުމުގައި ސަމާލުވާން ޖެހޭނެ އެވެ. އެގޮތުން އެއްފަހަރާ މާ ގިނައިން ނުކެއުމާއި ސިއްހަތަށް ގެއްލުންހުރި ތަކެތި ނުކެއުން ވެސް މުހިއްމެވެ.

އެއާއެކު ދެން އޮތީ ހަރަކާތްތެރިވުމެވެ. ރަމަޟާން މަހަށް ކަސްރަތު ކުރުން ހުއްޓާލިނަމަ އަލުން އެކަން ފަށަން ތައްޔާރު ވާށެވެ. އެހެން ނަމަވެސް އެކަމުގައި ވެސް ހަށިގަނޑަށް ވާ ވަރަކުން ކުރިއަށް ދިއުން ވަރަށް މުހިއްމެވެ.

ރަމަޟާން މަސް ނިމި އާއްމު ދިރިއުޅުމަށް މިސްރާބު ޖަހާފައިވާއިރު ދިރިއުޅުމުގައި ރަނގަޅު އާދަތައް ދެމެެހެއްޓުމަކީ ވަރަށް ވެސް ބޭނުންތެރި ކަމެކެވެ.