އިދިކޮޅު ޕީޕީއެމް، ޕީއެންސީން މަޖިލީހަށް ހުށަހަޅާފައިވާ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުވެއްޖެ އެވެ.

އެ މައްސަލަ ބޭރުވީ ޒަހާގެ އިތުބާރު ނެތް ކަމަށް ހުށަހެޅި ގަރާރުގައި ސޮއި ކުރެއްވި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ސޮއި އަނބުރާ ގެންދެވުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ޖާބިރު ފޮނުވި ސިޓީގައި ވިދާޅުވީ، ޒަހާގެ އިތުބާރު ނެތް މައްސަލާގައި ސޮއިކުރެއްވީ އެކަމަނާއާ ހަވާލުކުރައްވާފައިވާ މަސްއޫލިއްޔަތު ފުރިހަމައަށް އަދާ ނުކުރެއްވުމުގެ ސަބަބުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތަށް ގެއްލުން ލިބި އަދި ވަޒީރަކު މަސްއޫލިއްޔަތު އަދާނުކުރައްވާނަމަ ޒިންމާދާރު ކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަކަށްވާތީ ޖަވާބުދާރީ ކުރުވުމުގެ މަތިވެރި ނިޔަތުގައި ކަމަށެވެ.

ނަމަވެސް ރާއްޖޭގެ ކަނޑުގެ ހަޒާނާ ހުޅުވާލުމާއި ދަނޑުވެރިންނަށްވެސް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ގެނެސްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާތީ މި ވަގުތަށް މިނިސްޓަރު ޒަހާއަށް އިތުބާރުކޮށް އިތުބާރު ނެތް މައްސަލާގައި ކޮށްފައިވާ ސޮއި އަނބުރާ ގެނެސްފައިވާ ކަމަށް ޖާބިރުގެ ސިޓީގައި ވެެއެވެ.

މަޖިލީހުގެ ގަވާއިދުގައި ވާގޮތުން، ވަޒީރެއްގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް މައްސަލައެއް ވެއްދޭނީ 10 މެމްބަރުންގެ ސޮޔާއި އެކުގައެވެ.

ޖާބިރު ގެ ސޮއި އަނބުރާ ގެންދެވުމުން ދެން ބާކީ ސޮއި ކުރައްވާފައި ވަނީ ނުވަ މެމްބަރުންނެވެ. އެއީ އިދިކޮޅު ކޯލިޝަނުގެ މެމްބަރުންނެވެ.