ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޖެކޮލީން ފެރްނާންޑޭޒްގެ މަންމަ ކިމް ފެރްނާންޑޭޒް މަރުވުމާއެކު އެދާއިރާގެ ގިނަ ބަޔަކު އޭނާއަށް ތައުޒިއާ ކިޔަމުން އެބަދެ އެވެ.
އެގޮތުން ޖެކޮލީންއާއެކު ފިލްމު "ފަތޭހް"އިން ފެނިގެންދިޔަ ސޯނޫ ސޫދު ވެސް ވަނީ އެ ހަބަރާއެކު ޖެކޮލީންގެ ގެއަށް ގޮސް ތައުޒިއާ ކިޔާފަ އެވެ. މީގެ އިތުރުން ވެސް ބޮލީވުޑްގެ ގިނަ އަދެދެއްގެ ތަރިން ޖެކޮލީންއާއި އޭނާގެ އާއިލާގެ ހިތާމައިގައި ބައިވެރިވެ ތައުޒިޔާ ކިޔަމުން އަންނަ ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެ އެވެ.
ސްޓްރޯކްއެއް ޖެހިގެން މުމްބާއީގެ ލިލާވަތީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ ކިމް މަރުވެފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ވަގުތެއްގަ އެވެ.
ޖެކޮލީން ވަނީ މަންމަގެ ހާލު ދަށްވަމުން ދިޔުމާއެކު މިއަހަރުގެ އައިޕީއެލް ހުޅުވުމުގެ ރަސްމިއްޔާތުގައި ހުށައަޅަން އޮތް ހުށައެޅުން ވެސް ކެންސަލް ކޮށްފަ އެވެ.
ސްރީލަންކާއަށް އުފަން ޖެކޮލީންއަކީ އޭނާގެ މަންމައާ ވަރަށް ހާއްސަ ގުޅުމެއް ބޭއްވި އެކްޓަރެއް ކަން އޭނާގެ ސޯޝަލް މީޑިއާ ޕޯސްޓުތަކުން އެނގެ އެވެ.