އަންނަ މެއި މަހު ބާއްވަން ހަމަޖެހިފައިވާ މި އަހަރުގެ މެޓް ގާލާގައި ބޮލީވުޑްގެ ތަރި ކިއާރާ އަދްވާނާގެ ފުރަތަމަ ގާލާ ފެނިލުން ފެނިގެންދާނެ އެވެ.

މިވަގުތު އަލަތު ދަރިފުޅަށް ބަލިވެ އިން ކިއާރާ މެޓް ގާލާއިން ފެނިގެންދާނެ ކަން އޭނާގެ ޓީމުން ވަނީ ވަރަށް ފަހުން ޔަގީން ކޮށްދީފަ އެވެ.

ކިއާރާ ވަނީ މިދިޔަ އަހަރުގެ ކޭންސް ފެސްޓިވަލުގައި ވެސް މުޅިން އަލަށް ފެނިގެން ގޮސްފަ އެވެ. އެއީ ބޮލީވުޑްގެ މަދު އެކްޓަރުންނަށް ލިބޭ ޝަރަފެކެވެ.

މީގެ ކުރިން މެޓް ގާލާއިން ފެނިގެންދިޔަ އިންޑިއާގެ މަޝްހޫރު ތަރިންނަށް ބަލާއިރު އާލިއާ ބަޓް، ދީޕިކާ ޕަދުކޯން އަދި ޕްރިޔަންކާ ޗޯޕްރާ ފަދަ ތަރިން ހިމެނެ އެވެ.

2023 ވަނަ އަހަރު އެކްޓަރު ސިދްހާތު މަލްހޯތުރާއާ ކައިވެނިކުރި ކިއާރާ ބަލިވެ އިންކަން އިއުލާން ކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު ކިއާރާ އެންމެ ފަހުން ފެނިގެންދިޔައީ މިއަހަރު ރިލީޒް ކުރެވުނު ތެލުގޫ ފިލްމެއް ކަމަށްވާ "ގޭމް ޗޭންޖާ"އިންނެވެ.