ވިހެއުމަށްފަހު މަދުން ނޫނީ ނުފެންނަ ނުރައްކާތެރި އަދި އެހާމެ ބިރުވެރި ބައްޔަކާ ކުރިމަތިލާން ޖެހުނު ކަމަށް އިނގިރޭސި ޝާހީ އާއިލާގެ ކުރީގެ މެމްބަރު އަދި ހޮލީވުޑް އެކްޓްރެސް މޭގަން މާކަލް ބުނެފި އެވެ.

މޭގަންގެ އަމިއްލަ ޕޮޑްކާސްޓްގެ އެންމެ ފުރަތަމަ އެޕިސޯޑުގައި ވާހަކަ ދައްކަމުން އޭނާ ބުނީ ބަލިވެ އިނދެ ވިހެއުމަށްފަހު ޕޯސްޓް ޕާޓަމް ޕްރީ އެކްލެމްޕްސިއާ ނަމަކަށް ކިޔާ ބައްޔެއް ޖެހުނު ކަމަށެވެ.

އެގޮތުން އެ ބަލީގައި ވަރަށް ބޮޑުވަރު ވި ކަމަށާއި ވަމުން ދިޔަގޮތް މުޅި ދުނިޔެއަށް ސިއްރު ކޮށްގެން އުޅުމަކީ ވެސް އުނދަގޫ ކަމަކަށްވި ކަމަށް މޭގަން ބުންޏެވެ.

"އެއީ ވަރަށް މަދުން ފެންނަ ބައްޔެއް. އަނެއްކާ އެހާ ބިރުވެރި ވެސް ބައްޔެއް" ދެ ކުދިންގެ މަންމަ، މޭގަން އެ ޕޮޑްކާސްޓްގައި ބުނެފައިވެ އެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ޕޯސްޓް ޕާޓަމް ޕްރީ އެކްލެމްޕްސިއާ ބައެއް މާބަނޑު އަންހެނުން ވިހެއުމަށްފަހު ކުރިމަތިވާ ބައްޔެކެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ލޭގެ ޕްރެޝަރު މަތިވުމާއި ކުޑަކަމުދާތަކެއްޗަށް ޕްރޮޓީން ލީކުވުމުގެ އިތުރުން ބޮލުގައި ރިހުމާއި މޭ ނުބައި ކުރުން އަދި އުނަގަނޑުގައި ރިއްސުން ހިމެނެ އެވެ.

ޝާހީ އާއިލާއާ ވަކިވެ ފިރިކަލުން ޕްރިންސް ހެރީއާއެކު އެމެރިކާގައި ދިރިއުޅެމުން އަންނަ މޭގަންއަށް ދެ ކުދިން ލިބިފައިވެ އެވެ. އެއީ ޕްރިންސް އާޗީއާއި ޕްރިންސަސް ލިލިބެޓް އެވެ.