ގޭސް ސަޕްލައިކޮށްދޭ ބޭރުގެ ކުންފުންޏަކަށް އެޑްވާންސް ފައިސާ ދެއްކުމަށްފަހު ގޭސް ނުލިބުމުން، އެ ފައިސާ އަނބުރާ ހޯދުމަށް މަސައްކަތް ފަށައިފައިވާ ކަމަށް މޯލްޑިވް ގޭހުން ބުނެފި އެވެ.
މި މައްސަލަ ފެންމަތިކުރުވީ އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގައި، މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ ފަރާތުންނެވެ.
ނާޒިމް ވިދާޅުވި ގޮތުގައި، މޯލްޑިވް ގޭހުން ގޭސް ގަތުމަށް ބޭރުގެ ކުންފުންޏަކަށް ފައިސާ ދެއްކި ނަމަވެސް، ގޭސް ލިބިފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ގޭހަށް ދައްކާފައިވާ ފައިސާ ވެސް އަނބުރާ ހޯދިފައި ނުވާ ކަމަށެވެ.
މޯލްޑިވް ގޭހުން ހާމަކުރިގޮތުގައި މި މައްސަލައާ ގުޅޭގޮތުން މައުލޫމާތު ދެމުން ވިދާޅުވީ، ގޭސް ހޯދުމުގެ އެންމެހައި މުއާމަލާތްތައް ކުރިއަށް ގެންދަނީ ކުންފުނީގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އޭގެ ތެރޭގައި ހުށަހެޅުންތަކަށް އެދި އިއުލާނުކުރުމާއި، ކަނޑައެޅިފައިވާ މުއްދަތަށް މުދާ ފޯރުކޮށްދެވޭނެ އަދި އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތްތަކާއެކު މަސައްކަތް ކުރިއަށް ގެންދިއުން ހިމެނޭ ކަމަށް އެ ފަރާތުން ހާމަކުރެއްވި އެވެ.
މިހާރު މައްސަލަ ޖެހިފައިވާ ޝިޕްމަންޓަށް، އެޑްވާންސް ފައިސާގެ ގޮތުގައި ޖުމްލަ ޝިޕްމަންޓުގެ 30 ޕަސެންޓަށްވާ ފައިސާ ސަޕްލަޔަރަށް ދައްކާފައިވާ ކަމަށް މޯލްޑިވް ގޭހުން ބުނެފައިވެ އެވެ.
މޯލްޑިވް ގޭހުން އިތުރަށް ބުނެފައިވަނީ، ސަޕްލަޔަރާ އެކި ފަހަރު މަތިން ވާހަކަދެއްކުމުންވެސް އެޑްވާންސް ފައިސާ އަނބުރާ ރައްދުކޮށްފައި ނުވާތީ، ގާނޫނީ މަރުހަލާ ފަށާފައިވާކަމަށެވެ. އެކުންފުނީގެ ގާނޫނީ ޓީމުން، ކުންފުނިން އެޑްވާންސަށް ދެއްކި ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ކުންފުނިން ހާމަކޮށްފައިވެ އެވެ.