ޖިންސީ ކުށްތަކެއްގެ ތުހުމަތުގައި ހައްޔަރު ކުރެވި ޖަލުގައި ހުރި ރެޕް ލަވަކިޔުންތެރިޔާ ޝޯން ކޯމްބްސް (ޑިޑީ)ގެ ޝަރީއަތް ލަސްކުރަން އޭނާގެ ވަކީލުން މަސައްކަތް ކުރަމުން އަންނަ ކަމަށް ތުހުމަތު ކޮށްފި އެވެ.

ނިޔުޔޯކްގެ ޕްރޮސިކިއުޓަރެއް ބުނީ އަންނަ މެއި މަހަށް ތާވަލު ކުރެވިފައިވާ ޑިޑީގެ ޝަރީއަތް އިތުރަށް ފަސްކުރަން އޭނާގެ ވަކީލުން "ބަހަނާތައް" ދައްކަމުން އަންނަ ކަމަށެވެ.

އޭނާ އިތުރަށް ބުނީ މިފަހުން ޑިޑީއަށް އިތުރު ދެ ދައުވާއެއް ކުރެވުނު ނަމަވެސް އެ ދެ ދައުވާއަށް އޭނާގެ ވަކީލުން ޖަވާބު ދީފައިނުވާ ކަމަށެވެ.

ޖިންސީ ފުރައްސާރައާއި ޓްރެފިކިންގެ ތުހުމަތުގައި 55 އަހަރުގެ ޑިޑީ ހައްޔަރު ކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

އަމިއްލަ ފަރާތްތަކުގެ ދައުވާތައް ހިމެނޭހެން އޭނާގެ މައްޗަށް 20 އަށްވުރެ ގިނަ ދައުވާ އުފުލިފައިވާއިރު އެ ދައުވާތަކުގެ ޝަރީއަތް އަންނަ މެއި މަހުގެ ތެރޭގައި ފަށަން ވަނީ ތާވަލް ކުރެވިފަ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ޑިޑީގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތިވި މީހުންގެ ތެރޭގައި އޭނާގެ ދަށުން މަސައްކަތްކުރި އަންހެން މުވައްޒަފުން ވެސް ހިމެނެ އެވެ.