މާލޭ ހެންވޭރުގައި ހުރި ގެއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއް ވެއްޖެ އެވެ.

އެ ހާދިސާއާ ގުޅިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފައި ވަނީ ހެންވޭރު ޝީރީން ވިލާގެ ފަސްވަނަ ފަންގިފިލާގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސްގެ (އެފްއާރްއެސް) ފަޔަ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލާފައިވާ ކަމަށެވެ.

ހ.ޝީރީން ވިލާގެ ފަސްވަނަ ފަންގިފިލާގައި ރޯވެ ގެއްލުންވެފައި --- ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފްއިން ބުނެފައިވާ ގޮތުގައި އެފްއާރްއެސްއަށް މި ހާދިސާގެ މައުލޫމާތު މެންދަމު 2:00 ހާއިރު ލިބުމާ އެކު ފަޔަފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފަ އެވެ. މިގޮތުން ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލާފައި ވަނީ މެންދަމު 2:18 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ގޭގެ ފަސްވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގައި އޮތް ގޮނދަޑިއެއްގައި އަލިފާން ރޯވެ ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެފައިވެ އެވެ.