ލަންދޫ މާބަދިގެ ސައިޓް މިއުޒިއަމެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ހަވާލުކުރެވުނު މަސައްކަތް ނުނިމި ލަސްވަމުންދާތީ، މި މައްސަލަ އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއު 2022 ވަނަ އަހަރުގެ ނޮވެމްބަރު 22 ވަނަ ދުވަހު ފެށި، 2024 ވަނަ އަހަރަށް ނިންމުމަށް ހަވާލުކުރެވުނު ނަމަވެސް، މިހާތަނަށް އެއްވެސް މަސައްކަތެއް ކުރިއަށް ގޮސްފައި ނުވާ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މި މަޝްރޫއުއަށް 785,000 ރުފިޔާއަށްވުރެ ގިނަ ރުފިޔާ ދޫކުރެވިފައިވާ ކަމަށާއި، ނަމަވެސް މަސައްކަތް ކުރިއަށް ނުދާތީ މައްސަލަ އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.
ލަންދޫ މާބަދިގެ ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ގެދޮރު ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާ ކަމަށާއި، މި މަޝްރޫއު ކުރިއަށްދަނީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް ގްރާންޓްގެ ދަށުން ކަނޑައެޅިފައިވާ ފަސް މިލިއަން ރުފިޔާގެ ބަޖެޓުން ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.