ބަންގްލަދޭޝްގެ ކުރީގެ ސަރުކާރުން އާއްމުންނަށް އެނގުމަކާއި ނުލައި "އިޒްރޭލު ފިޔަވައި" އެހެން ހުރިހާ ގައުމެއްގައި ބަންގްލަދޭޝް ޕާސްޕޯޓް ބޭނުން ކުރެވޭނެ ކަމަށް އޮންނަ އިބާރާތް އުނިކޮށްފައި ވާތީ ފާޑުކިޔުން އަމާޒުވުމުން އެކަން ބަދަލުކުރަން ނިންމައިފި އެވެ.
ބަންގްލަދޭޝްގެ ކުރީގެ ރައީސް ޝޭހް ހަސީނާގެ ސަރުކާރުން 2021 ވަނަ އަހަރު އެ ގައުމުގެ އާ ޕާސްޕޯޓް ތައާރަފްކުރި އިރު ވަނީ މި އިބާރާތް އުނިކޮށްފަ އެވެ. ސަރުކާރުން ބުނެފައިވަނީ އެގޮތަށް ކަނޑައެޅީ ބަންގްލަދޭޝް ޕާސްޕޯޓަކީ ބައިނަލްއަގްވާމީ މިންގަނޑަށް ފެތޭ ޕާސްޕޯޓަކަށް ބަދަލުކުރުމަށް ކަމަށެވެ.
އެ ގައުމުގެ އިމިގްރޭޝަން ޑިޕާޓްމަންޓުގެ ޕާސްޕޯޓު ޑިރެކްޓަރު ބްރިގޭޑިއަރ ޖެނެރަލް މުހައްމަދު ނޫރުއްސަލާމް މީޑިއާއަށް ވިދާޅުވި ގޮތުގައި މި އިބާރާތް އަލުން ޕާސްޕޯޓްގައި ހިމެނުމަށް ސަރުކާރުން އަންގާފައިވާ ކަމަށާއި، މިހާރު އެކަން ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ބަންގްލަދޭޝްގައި މިދިޔަ އަހަރު އޮގަސްޓްމަހު ކުރި މުޒާހަރާތަކެއްގައި އޭރުގެ ވެރިކަން ވަނީ ބަދަލުކޮށްފަ އެވެ. އަދި އެ ވެރިކަމުގައި ކޮށްފައިވާ ބައެއް ކަންކަމަށް ވަގުތީ ސަރުކާރުން ވަނީ ބަދަލުތައް ގެނެސްފަ އެވެ
އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ބަންގްލަދޭޝްގެ ވެރިރަށް ދާކާގައި ގިނަ ބަޔަކު ވަނީ އެކަމާއި ދެކޮޅަށް އަޑުއުފުލާފަ އެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިހުތިޖާޖުގައި ގާތްގަނޑަކަށް އެއް މިލިއަން މީހުން ބައިވެރިވެފައިވެ އެވެ. މުޒާހަރާތަކުގައި މީހުންވަނީ ޕާސްޕޯޓަށް ބަދަލު ގެނައުމަށްވެސް އަޑުއުފުލާފަ އެވެ.
ރާއްޖެއަށް އިޒްރޭލު ޕާސްޕޯޓްގައި އެތެރެ ނުވެވޭ ގޮަތަށް 15 އޭޕްރީލް 2025 އިން ފެށިގެން ވަނީ ނިންމާފަ އެވެ. މިއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ މިކަމަށް މަރުހަބާ ކިޔާފަ އެވެ. އެގޮތުން ފަލަސްތީނުގެ ދިފާއުގައި ހަނގުރާމަ ކުރަމުންދާ ހަމާސް ޖަމާއަތުންވެސް ވަނީ މިކަމަށް މަރުހަބާ ކިޔާފައިކަން ފާހަގަކޮށްލެވެ އެވެ.