އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) އާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަހްމަދު ސަލީމް (މާޒް ސަލީމް) ބަރަހަނާކޮށްގެން ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން އަމުރެއް ނެރެފި އެވެ.

ކްރިމިނަލް ކޯޓުން މިފަދަ އަމުރެއް ނެރެފައި ވަނީ ފުލުހުންގެ އެދުމުގެ މަތިންނެވެ. މިފަދަ އަމުރެއް ނެރުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒުގެ ކަރާމާތަށް އަރައިގަތް ކަމަށް ބުނެ ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅިގެންނެވެ.

ފުލުހުން މަންދީ އާއި މާޒް ސަލީމަށް ފޮނުވި ޗިޓްގެ ކޮޕީއެއް "ހުރިހާ"އަށް ވަނީ ލިބިފަ އެވެ. އެ ޗިޓްގައިވާގޮތުން އެ ދެ މީހުންގެ ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ އެހެން ހުރިހާތަނެއް ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާތީ، އެ ފޮޓޯ ނަގަން ފުލުހުން ބޭނުންވެ އެވެ.

އާންމުގޮތެއްގައި މިފަދަ ފޮޓޯ ނަގަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ އެވެ. ނަމަވެސް އެ ދެ މީހުންގެ ފޮޓޯ ނަގަން ކޯޓުން އަމުރު ނެރުނު ސަބަބެއް އަދި ނޭނގެ އެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމް މިހާރު ވަނީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފަ އެވެ. ސަރުކާރުން ނުރުހޭގޮތަކަށް ހުކުމް ކުރާ ފަނޑިޔާރުން ފްރޭމްކޮށް މައްސަލަ ބަލައި ފަނޑިޔާރުކަމުން ވަކިކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.