ދިވެހި އަސްކަރިއްޔާ އަށް ގެނައި އާ އުޅަނދުތައް ދައްކާލައިފި އެވެ.

އެ އުޅަނދުތައް ދައްކާލާފައި ވަނީ ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މާލޭގައި މިއަދު ބޭއްވި ޕެރޭޑުގަ އެވެ.

ސިފައިންގެ ޝަރަފުގެ ހިނގާލުން ނުވަތަ ސިފައިންގެ ޕެރޭޑު މިއަދު ހަވީރު ފެށީ ރައީސް އޮފީހުގެ ކުރިމަތީގައި ބޭއްވި ހާއްސަ ހުށަހެޅުމަކުންނެވެ.

މިއަދު ހަވީރު، ބަންޑާރަކޮށިން ފެއްޓި މަގުމަތީ ހިނގާލުމުގައި ލަޝްކަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކައިރިއަށް މަޑުކުރުމުން، އެ ހިނގާލުން ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ. މުހައްމަދު މުއިއްޒުއެވެ.

ރައީސް މުއިއްޒުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ދަރިން ވެސް ބައިވެރިވެވަޑައިގަތެވެ.

މާލޭގެ ވަކި މަގުތަކެއްގައި ކުރިއަށްގެންދިޔަ މި ހިނގާލުމުގައި ސިފައިންގެ ލަޝްކަރު ފަސް ސަރަހަދެއްގައި މަޑުކޮށް، އަސްކަރީ ބޭންޑުން ރާގުތައް ކުޅެފައިވެ އެވެ. މި ހިނގާލުމުގައި ދިވެހި ސިފައިންގެ ލަޝްކަރުގެ އެކިއެކި ދާއިރާތަކާއި ޚިދުމަތްތައް ދައްކުވައިދީފައިވެ އެވެ.

ދުބާއީ އިން ގަތް އެ އުޅަނދުތައް ރާއްޖެ ގެނައީ އަވަށްޓެރި ސްރީލަންކާއަށް ގެންދިޔުމަށްފަހު، މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ކަނޑު ބޯޓެއްގަ އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެފައިވާ މި ދަނޑިވަޅުގައި ރާއްޖެއަށް މިވަގުތު ބޭނުންވެސް ނުވާ ބޮޑެތި އަސްކަރީ ވެހިކަލްތައް ދައުލަތުން ބޮޑު ހަރަދުކޮށްގެން ގަނެފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.