ސޯޝަލް މީޑިއާގައި އަބަދުވެސް އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ މީގެ ގަރުނެއްހާ ދުވަސް ކުރިން އަޑިއަށް ދިޔަ ޓައިޓޭނިކްގެ ވާހަކަ އެވެ.
އެ ހާދިސާގެ މައްޗަށް 1997 ވަނަ އަހަރު ފިލްމެއް ނެރެފައިވާއިރު އެ ފިލްމާ ބެހޭގޮތުން އޭގެ ބަތަލާ ކޭޓް ވިންސްލެޓް ދީފައިވާ އިންޓަވިއުއެއް ވެސް މިވަނީ ފެންމަތިވެފަ އެވެ.
އިނގިރޭސި ޕޮޑް ކާސްޓެއް ކަމަށްވާ "ނައު ޑަބްލިއުޓީއެފް" އަށް ދިން އިންޓަވިއުއެއްގައި ކޭޓް ބުނީ ޓައިޓޭނިކް އިން އޭނާ އަށް ލިބުނު ކާމިޔާބީ އާއެކު އިނގިރޭސި މީޑިއާއިން އޭނާއާ މެދު ކަންތައް ކުރީ ވަރަށް ގޯސްކޮށް ކަމަށާއި އެއަށްފަހު މުޅި ދިރިއުޅުން ބަދަލުވި ކަމަށެވެ. އެގޮތުން ދާ ކޮންމެ ތަނަކަށް މީޑިއާ ގޮސް އަމިއްލަ މިނިވަަންކަން ގެއްލޭ ހިސާބަށް ކަންތައްތައް ދިޔަ ކަމަށް ކޭޓް ބުނެފައިވެ އެވެ.
"ފިލްމަށް ލިބުނު ކާމިޔާބާއެކު ގިނަ ގޮންޖެހުންތަކެއް ވެސް ކުރިމަތިވި. އެ ކަންތައް ނިމޭނެ ނަމައޭ ވެސް ހިތަށް އެރި،" ކޭޓް ބުނެފައިވެ އެވެ.
އުމުރުން އެންމެ 21 އަހަރުގައި ކުޅުނު ޖޭމްސް ކެމަރަންގެ ފިލްމް ޓައިޓޭނިކްގެ ކާމިޔާބީއަށް ފަހު ކޭޓް މުޅި ދުނިޔެއަށް މަޝްހޫރުވި އެވެ.
ޖޭމްސް ކެމަރަން ލިޔެ ޑައިރެކްޓްކުރި ޓައިޓޭނިކް އިން ކޭޓް އާއެކު ބަތަލެއްގެ ގޮތުގައި ފެނިގެން ދިޔައީ ލިއަނާޑޯ ޑިކާޕްރިއޯ އެވެ. އެ ދެމީހުންގެ ޖޯޑަށް ވެސް ބޮޑު މަގްބޫލުކަމެއް ލިބުނެވެ.