ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި، ޕްރިފެރެންޝަލް ވޯޓިން ނިޒާމަކަށް ބަދަލުކުރަން މަސައްކަތް ކުރަނީ ވޯޓު ފޮށިތައް މާލެ ގެނެސް ވޯޓު އޮޅުވާލުމަށް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޕްރިފެރެންޝަލް ވޯޓިން ނިޒާމަކަށް ބަދަލުކުރަން ވަކާލާތު ކުރައްވާކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވާއިރު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ވޯޓުލާ ނިޒާމަށް ބަދަލު ގެންނަން ދައްކާ ވާހަކަ ތަކަކީ ވޯޓު ގުނުން އެތައް ބުރަކަށް ދަންމާލާ، ފޮށިތައް މާލެ ގެނެސް ވޯޓު އޮޅުވާލުމަށް ރާވާ ރޭވުމެއް ކަމަށެވެ.

ޝާހިދު ވިދާޅުވީ ވޯޓު ގުނަންވާނީ ވޯޓުލީ މަރުކަޒެއްގައި އެންމެންގެ ކުރިމަތީގައިކަމަށާ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ވޯޓުލީ މީހުންގެ ސާފު އަޣުލަބިއްޔަތު ލިބެންޖެހޭނެ ކަމަށެވެ.

"މި ސޮއްސާލަނީ ކުޑަ ކާފު ބޮޑު ކާފުގެ ޒަމާނަށް. ކިތަންމެ މޮޅު ނަމެއްކިޔަސް އިޚްލާސްތެރި ކަމުގެ ޒައްރެއްވެސްނެތް. ނިޔަތަކީ ވޯޓު ފޮއްޓަށް އަތްބޭނުން. ވޯޓު އޮޅުވާލުން. ދިވެހި ރައްޔިތުންނޭ! ބޮޑުކޮށް ނޫނެކޭ ވިދާޅުވޭ!" ޝާހިދު ވިދާޅުވި އެވެ.

މި ނިޒާމުގައިވާ ގޮތުން ވޯޓް ދޭނީ އެންމެ ރަނގަޅު ކެންޑިޑޭޓަކާއި ދެވަނައަށް ރަނގަޅު ކެންޑިޑޭޓާއި ތިންވަނައަށް ރަނގަޅު ކެންޑިޑޭޓު ފާހަގަވާ ގޮތަށެވެ. އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ނުލިބިއްޖެނަމަ ދެވަނަ އަށް އެންމެ ރަނގަޅު ކެންޑިޑޭޓަށް ރައްޔިތުން ދިން ވޯޓް ގުނާނެ އެވެ.