ބޭންކު ރޭޓްގައި އާންމު ރައްޔިތުންނަށް ޑޮލަރު ލިބޭނެ ތާރީހެއް އަނެއްކާވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
"ދެނޯ" ގެ ނަމުގައި އަލަށް ފެށި ޕޮޑްކާސްޓެއްގައި ރައީސް މިއަދު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ޑޮލަރު ލިބުމުގެ ދަތިކަން 2027 ވަނަ އަހަރު އެއްކޮށް ހައްލުވާނެ ކަމަށެވެ. އަދި އެ އަހަރު ނިމެންވާއިރަށް ޑޮލަރު ރޭޓް 15.42ރ. އަށް ވެއްޓޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ހައްލުވާނެ، އޭގައި ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހޭނެ، އަޅުގަނޑުމެން މިހާރު މިތިބީ ރަނގަޅު ޓްރެކެއްގައި، ޑޮލަރު މާރު ކުރަންވެސް އެންމެންވެސް އެއްބާރުލުން ދޭ، ވަރަށް ޝުކުރު އަދާކުރަން، ހާއްސަކޮށް ޓޫރިޒަމް އިންޑަސްޓްރީއަށް ވެރިންނަށް،" ރައީސް ވިދާޅުވިއެެވެ.
ޑޮލަރު ލިބުމުގެ މައްސަލަ ހައްލުކުރުމަށް މަޖިލީހުން ވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނެއް ފާސްކޮށްފަ އެވެ. އެ ގާނޫނުގައި ކަނޑައަޅާފައިވާގޮތަށް ބޭންކުތަކަށް ޑޮލަރު މާރުކުރުން ރާއްޖޭގެ ހުރިހާ ރިސޯޓްތަކަށް ވަނީ މަޖުބޫރުކޮށްފައެވެ.
އެ ގާނޫނު ވުޖޫދުކުރި ފަހުން 150 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އަދިވެސް ކަޅުބާޒާރުގައި ޑޮލަރުގެ ރޭޓް ހުރީ އަތްނުފޯރާފަށުގަ އެވެ.
ރައީސް ވިދާޅުވީ ބޭންކް ރޭޓްގައި ޑޮލަރު ލިބޭނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ވަރަށް ގިނަ ފިޔަވަޅުތަކެއް އެޅިގެން ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އެއްކޮށް ރަނގަޅުވާނެ. އެކަމަކު ވަރަށް ފިޔަވަޅުތަކެއް އަޅަން ޖެހޭނެ. އަޅުގަނޑުމެން މި ބަލަނީ 2027 ނިމުމުގެ ކުރިން ޑޮލަރު ރޭޓު އޭގެ އަސްލު ރޭޓްގައި ހުންނާނެ ކަމަށް،". ރައީސް ވިދާޅުވިއެވެ.
ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއެކު ޑޮލަރުގެ ކަޅު ބާޒާރު ހީނަރުވުމުގެ ކޮޅުމަތި ފެންނަން ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ސައީދު އެ ވިދާޅުވީ ކަމުގެ އެއްވެސް އަލާމާތެއް ފެނުނު ރައްޔިތެއް މި ގައުމަކު ނެތެވެ.