ރާއްޖޭގެ ކޯޓެއްގައި ޖިނާއީ މައްސަލައެއްގައި ފުރަތަމަ ފަހަރަށް ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ހުށަހެޅުމުގެ ފުރުސަތު ދީފި އެވެ.
ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ކުށެއްގެ ސަބަބުން ތަހައްމަލު ކުރަންޖެހުނު ނަފްސާނީ އަދި ޖިސްމާނީ އަނިޔާއާއި، މައްސަލައިގެ ހާދިސާގެ ސަބަބުން ދިރިއުޅުމަށް ކުރި އަސަރު ކޯޓުގައި ބަޔާންކުރުމަށް މައްސަލާގައި އަނިޔާލިބުނު ފަރާތުން ކޯޓުގައި ހުށަހަޅާ ބަޔާނެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ހުށަހެޅުމަށް ފުރުސަތު ދީފައިވަނީ 21 އެޕްރީލް 2025 ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފައިވާ މައްސަލައެއްގަ އެވެ.
މި މައްސަލަައިގައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ވަނީ ކުޑަކުއްޖެއްގެ ޢުމުރުން 8 އަހަރުން ފެށިގެން 18 އަހަރާ ހަމައަށް، 10 އަހަރު ދުވަސް ވަންދެން، އެކި ފަހަރު މަތިން އެ 21 އެޕްރީލް 2025 ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 54 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފަ އެވެ.
މި މައްސަލާގައި ޕީޖީ އޮފީސް މެދުވެރިކޮށް އަނިޔާ ލިބުނު ކުއްޖާ ކޯޓަށް ބަޔާނެއް ހުށަހަޅައި، މި މައްސަލާގެ ހާދިސާގެ ސަބަބުން ކުއްޖާގެ ދިރިއުޅުމަށް ކުރި އަސަރު ވަރަށް އަސަރާއެކު ބަޔާންކޮށްދީފައިވާކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ. މި ބަޔާން ކޯޓުގައި އިއްވަވައިދެއްވާފައި ވަނީ ޕަބްލިކް ޕްރޮސިކިއުޓަ އަލްމާސް މުބާރިކެވެ.
ޕީޖީ އޮފީހުން ބުނީ ޖިނާއީ މައްސަލަތަކުގެ ތެރެއިން ވިކްޓިމުން ހިމެނޭ މައްސަލަތަކުގައި، ކުށް ސާބިތުކުރުމަށް ކުރާ މަސައްކަތުގެ އިތުރުން، އެންމެ ބޮޑު އިސްކަމެއްދޭ ކަމަކީ ވިކްޓިމުން، ބާރުވެރިކުރުވުން ކަމަށާ ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ހުށަހެޅުމަކީ ވިކްޓިމުން ބާރުވެރިކޮށް، ވިކްޓިމުންނަށް ތަސައްލީ ހޯދައިދިނުމަށްޓަކައި ހުޅުވާލެވިފައިވާ މިނިވަން ދިމިގްރާތީ މުޖުތަމައުތަކުގައި އަމަލު ކުރާ އުސޫލެއް ކަމަށެވެ.
މިއާއެކު މި މައްސަލާގައި ކުށް ސާބިތުވުމަށްފަހު އަދަބު ކަނޑައެޅުމުގެ ކުރިން އަނިޔާލިބުނު ކުއްޖާއަށް ކޯޓުގައި އެކުއްޖާގެ ބަސް އިއްވުމުގެ ފުރުސަތު ކޯޓުން ދެއްވާފައިވާތީ އެކަމަށް ޕީޖީ އޮފީހުން ވަނީ މަރުހަބާ ކިޔާފަ އެވެ.